ވިއްސާރައިގައި ދެކުނަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެންޑީއެމްއޭއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ވިއްސާރައިގައި ދެކުނަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެންޑީއެމްއޭއިން ފަށައިފި

ވޭތުވެދިޔަ ހަތަރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ބޯ ވިއްސާރައިގައި، ދެކުނު ސަރަހައްދަށް ލިބުނު ގެއްލުންތަކުގެ މިންވަރު ދެނެގަތުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި މި ވިއްސާރައިގެ ސަބަބުން އައްޑޫ އާއި ފުވައްމުލަކުގެ އިތުރުން ހުވަދުއަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މި ހަފުތާގައި ކުރި ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ އެކަނިވެސް 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް، މިހާރު މޫސުމީ ހާލަތު މަޑުމަޑުން ރަނގަޅުވަމުންދާތީ، މެދުކެނޑުނު މުހިންމު ހިދުމަތްތައް އަލުން ފޯރުކޮށްދީ، ހާލަތު އާންމު ހަމައަކަށް އެޅެމުންދާ ކަމަށް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލާދީ އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ގެއްލުން ލިބުނު ގެދޮރު ސާފުކުރުމުގެ އިތުރުން ލިބުނު ގެއްލުންތައް ބެލުމުގެ ކަންކަން އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށްދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި ހާލުގައި ޖެހިގެން އެހެން ތަންތަނަށް ބަދަލުކުރެވުނު މީހުން އަނބުރާ ގެތަކަށް ބަދަލުކުރުމުގެ އިންތިޒާމުތައް ކުރިއަށްދާއިރު، ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް މިހާރު ވަނީ ހައްލުކުރެވިފައެވެ. ގެއްލުންތައް އެއްކޮށް ވަޒަންކުރުމަށްފަހު، ސަރުކާރު މެދުވެރިކޮށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.

ޕެސިފިކް ކަނޑުގައި އުފެދިފައިވާ 'އެލްނީނޯ' ގެ ސަބަބުން މޫސުމީ ނުރައްކާ އިތުރުވެދާނެތީ ކުރިންސުރެ ސަމާލުވުމަށް އަންގަމުންދިޔަ ކަމަށާއި، މިފަދަ ހާދިސާތަކަށް އެ އޮތޯރިޓީ އޮތީ ތައްޔާރީ ހާލަތުގައި ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހު އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު އޮންލައިން