ރާއްޖެ-މެލޭޝިއާ "ޖޮއިންޓް ކޮމިޝަން" އެކުލަވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރާއްޖެ-މެލޭޝިއާ "ޖޮއިންޓް ކޮމިޝަން" އެކުލަވާލަނީ

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދެ ގައުމު ގުޅިގެން އުފައްދާ 'ޖޮއިންޓް ކޮމިޝަން' ވީހާވެސް އަވަހަކަށް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގައި މި ކޮމިޝަނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ. މީގެއިތުރުން، މިއަހަރު ނިމުމުގެ ކުރިން އެ ކޮމިޝަނުގެ އެންމެ ފުރަތަމަ ބައްދަލުވުން އިންތިޒާމު ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ސާބިތުވެ ތިބޭކަން ފާހަގަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތަށާއި އެމަނިކުފާނުގެ ތަރައްގީގެ ޕްލޭނަށް މެލޭޝިއާއިން ފުރިހަމައަށް އިތުބާރުކުރާކަން ބޮޑުވަޒީރު ހާމަކުރެއްވިއެވެ. ހަމައެއާއެކު، ދާދިފަހުން ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމަކީ ދިވެހިރާއްޖެއަށް މެލޭޝިއާއިން ދޭ ހާއްސަ ގަދަރާއި އަހައްމިއްޔަތުކަން ސާބިތުކޮށްދޭ ހެއްކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫން ކަމަށާއި، އެއީ ތައުލީމާއި، ސަގާފަތް އަދި އިޖުތިމާއީ ގޮތުން ދެ ގައުމުގެ ރައްޔިތުން ގުޅުވައިދޭ ވަރުގަދަ އަހުވަންތަކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ ދިވެހިންނަށް މެލޭޝިއާއަކީ އެމީހުންގެ ދެވަނަ ގެ ފަދަ ތަނެއްގެ ގޮތުގައިވެސް ރައީސް ސިފަކުރެއްވިއެވެ.

ދިވެހި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، 'ގްރެޖުއޭޓް ޕާސް ސްކީމް' ގައި ރާއްޖެ ބައިވެރިކުރުމާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ އާއިލާތަކަށް ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދެއްވާފައިވާތީ، މެލޭޝިއާގެ ސަރުކާރަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތުގެ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން