އައިއައިޔޫއެމް އަދި އައިޔޫއެމް ގުޅިގެން 4 ދުވަހުގެ އިސްލާމިކް އިކޮނޮމިކްސް ކޭމްޕާއި މަހާސިންތާއެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 5ސ
އައިއައިޔޫއެމް އަދި އައިޔޫއެމް ގުޅިގެން 4 ދުވަހުގެ އިސްލާމިކް އިކޮނޮމިކްސް ކޭމްޕާއި މަހާސިންތާއެއް ބާއްވައިފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން، "އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިންގް ކޭމްޕް" ގެ ނަމުގައި ބައިނަލްއަޤްވާމީ 4 ދުވަހުގެ ކޭމްޕަކާއި މަހާސިންތާއެއް ކ. ތުލުސްދޫގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. ސެޕްޓެމްބަރު 9 އިން 13 އަށް ކުރިއަށްދިޔަ މި ހަރަކާތް ފެށުމުގެ ގޮތުން ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ރޭ ތުލުސްދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސާއިދު މުޞްޠަފާއެވެ. މި ހަފްލާގައި އައިއައިޔޫއެމްގެ ޑެޕިއުޓީ ރެކްޓަރާއި އެ ޔުނިވަރސިޓީގެ ހެޑް އޮފް ޑިޕާޓްމަންޓްސް އަދި ޕްރޮފެސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އައިޔޫއެމްގެ ފަރާތުން ވައިސް ޗާންސަލަރ ޑރ. ޢަލީ ޒާހިރު، ޑެޕިއުޓީ ވައިސް ޗާންސަލަރ އަޙްމަދު އަމީން، ކޭމްޕް އިންތިޒާމުކުރި ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒްގެ ޑީން ޑރ. މުޙައްމަދު ޒާހިރު އަދި އެހެނިހެން ކުއްލިއްޔާތަކުގެ ޑީނުންނާއި ރެޖިސްޓްރާރ ބައިވެރިވެވަޑައިގެންނެވިއެވެ. މި މަހާސިންތާގެ ކޯ-ހޮސްޓުންގެ ގޮތުގައި ތުލުސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބައިވެރިވިއިރު، ސަޕޯޓިންގ ސްޕޮންސަރަކީ އަމާނާ ތަކާފުލްއެވެ.

މި ކޭމްޕުގެ މަހާސިންތާ މަރުޙަލާގައި އިސްލާމީ އިޤްތިޞާދުގެ ފަލްސަފާއާއި މަންހަޖު، ރިސާރޗް މެތަޑޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އެތިކްސް އަދި އިޤްތިޞާދާއި ފައިނޭންސްގެ މުސްތަޤްބަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ އެތިކަލް ފައިނޭންސް، ޒިންމާދާރު އިޤްތިޞާދީ ނިންމުންތައް، އަދި އިޖުތިމާޢީ އިންޞާފާއި މުއްސަނދިކަން ހަމަހަމަކަމާއެކު ބެހުމާ ގުޅޭގޮތުން ބައިވެރިންގެ ވިސްނުން ފުޅާކުރުމެވެ.

އިންޓަރެކްޓިވް ސެޝަންތަކާއި ދިރާސާތައް ހުށަހަޅައި ދިފާޢުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދިޔަ މި މަހާސިންތާ ނިންމާލީ އެންމެ މޮޅު ދިރާސާތައް ފާހަގަކޮށް އެވޯޑު ދިނުމަށްފަހުއެވެ. މީގެއިތުރުން، އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް މަރުކަޒަށް ޒިޔާރަތްކޮށް މަޢުލޫމާތު ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަހާސިންތާ ނިންމުމަށްފަހު އައިއައިޔޫއެމްގެ ވަފުދުން މާލެ ވަޑައިގެން، އައިޔޫއެމްގެ މެނޭޖްމަންޓް ކުއްލިއްޔާއާއި ކަރިކިއުލަމް ޑިވެލޮޕްމަންޓް ޔުނިޓާއެކު 8 ގަޑިއިރުގެ ޚާއްޞަ ވޯކްޝޮޕެއް ބޭއްވިއެވެ. މި ވޯކްޝޮޕްގައި ކިޔަވައިދިނުމުގެ މަންހަޖު އިސްލާމީ ހަމަތަކާއި އުޞޫލުތަކަށް ފެތޭގޮތަށް ބަދަލުކުރުމާއި، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި އިޤްތިޞާދާއި ފައިނޭންސް ކޯސްތަކުގެ މޮޑިއުލްތައް ބެންޗްމާކްކުރުމަށް އަލިއަޅުވާލިއެވެ. މި ވޯކްޝޮޕް ނިމިގެންދިޔައީ އައިއައިޔޫއެމްގެ ފަރާތުން އައިޔޫއެމްއަށް އިސްލާމިކް އިކޮނޮމިކްސް އަދި އިސްލާމިކް ފައިނޭންސްގެ ފޮތްތަކެއް ހަދިޔާކުރުމަށްފަހުއެވެ.

މި ކޭމްޕު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ދެ ޔުނިވަރސިޓީގެ އިސްވެރިންނާއި މެންބަރުންގެ އިތުރުން، ދަތުރުފަތުރާއި ޑިނަރ ނައިޓްގެ ކަންކަން ހަމަޖައްސައިދީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ތުލުސްދޫ ކައުންސިލަށާއި، އައިޔޫއެމްގެ މާކެޓިންގ، ސްޓޫޑެންޓް ޔޫނިއަން އަދި ކޭމްޕުގެ ހިންގާ ކޮމިޓީގެ މަސައްކަތް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވުނެވެ.

މިއަދު އޮންލައިން