ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒުއާ އެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، މެލޭޝިއާގެ ކިބައިން އެދޭ ގިނަ ކަންތައްތަކެއް ރައީސް މުއިއްޒު އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.
އަންވަރު އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި ޕެޓްރޮނާސް އިން މިހާރު ވެސް އަންނަނީ ކެނެޑާ، ބްރެޒިލް، ޕެރޫ، ތުރުކުމެނިސްތާން، ސޫދާން އަދި ސޫރިނާމް ފަދަ ގިނަ ޤައުމުތަކެއްގައި މަސައްކަތްކުރަމުންނެވެ.
އެހެންކަމުން ރާއްޖެއަށް އައުމަކީ ޕެޓްރޮނާސްގެ މާހިރުންނަށް މާ ބޮޑު މައްސަލައަކަށް ވާނެ ކަމަކަށް ނުފެންނަ ކަމަށާއި، އެއީ އެ ކުންފުންޏަށް މާ އުނދަގޫ ކަމަކަށް ވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަންވަރު ވިދާޅުވިއެވެ. މީގެއިތުރުން، ތެޔޮ ނުހޯދުނު ކަމުގައި ވިޔަސް އެންމެ ކުޑަމިނުން ދުވަސްކޮޅަކަށް އެ ބޭފުޅުންނަށް ރާއްޖޭގައި އަރާމުކޮށްލެވޭނެ ކަމަށް ވެސް މަޖާޒީ ގޮތެއްގައި އަންވަރު ވަނީ ވިދާޅުވެފައެވެ.