ސިޔާސީ މަސައްކަތްތަކަކީ ރަނގަޅު ނޫން ކަމެއްގެ ގޮތުގައި މުޖުތަމަޢުގައި ދެކެމުން އަންނަ ދެކުން ބަދަލުކުރަން ޖެހޭ ކަމަށާއި، ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަސްލަހަތު އިސްކުރަންވާނީ ޤައުމު އިސްކުރުމަށްފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ފާއިތުވި ދުވަސްތަކުގައި ބަދަލުވެގެން އައި ގޮތުން، ޒުވާނުންގެ މެދުގައި ސިޔާސީ ހަރަކާތްތަކާމެދު ވަނީ ނޭދެވޭ ތަޞައްވުރެއް އުފެދިފައެވެ. ސިޔާސީ މަސައްކަތަކީ ނުރަނގަޅު ކަމެއްގެ ގޮތުގައި ޒުވާނުންނަށް ވިސްނިފައި އޮތް އޮތުން ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ފުރިހަމަ ޒިންމާދާރުކަމާއެކު ޤައުމީ މަސްލަހަތު އެންމެ ކުރިއަށް ނެރެގެން ކަމަށެވެ. އެގޮތުން، ޤައުމު އިސްކޮށްގެން މަސައްކަތްކުރާނަމަ، ސިޔާސީ މަސައްކަތަކީ ރައްޔިތުންނަށާއި ޤައުމަށް ނުހަނު ފައިދާހުރި އަދި ރަނގަޅު ކަމަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ ޕާޓީގެ ހުރިހާ ސިޔާސަތެއްވެސް އެންމެ ފަހުން ގޮސް ގުޅެނީ ޤައުމު އިސްކުރުމުގެ މަތިވެރި އަސާސާ ކަމަށެވެ. އަދި މި ސަރުކާރުގެ މުޅި ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށާއި، އެއީ ޤައުމުގެ ހަމަޖެހުމާއި، ރައްކާތެރިކަން އަދި ދެމެހެއްޓެނިވި ތަރައްޤީ ކަމުގައި އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ.
މީގެއިތުރުން، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ބައެއް ޙާލަތްތަކުގައި ޤައުމަށް ގެއްލުންވާ ފަދަ ގޮތްގޮތަށް ޢަމަލުކުރަމުންދާކަން ފާހަގަކުރައްވައި، އެފަދަ ވިސްނުންތައް ދޫކޮށްލުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޕާޓީ ސިޔާސަތަށްވުރެ އަބަދުވެސް ޤައުމީ މަސްލަހަތު އިސްކުރުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.