އިންތިޚާބު ނިމުމުން ޕީއެންސީ ބައިބައިވެގެން ނުވާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 19ސ
އިންތިޚާބު ނިމުމުން ޕީއެންސީ ބައިބައިވެގެން ނުވާނެ: ރައީސް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުތައް ނިމުމަށްފަހު، ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް އުފެދިގެން ނުވާނެ ކަމަށާއި މެންބަރުން ތިބެންވާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ފެންވަރެއްގެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ބަޔަކު ތިބޭނެ ކަމަށެވެ. އަދި އިންތިޚާބަކަށްފަހު ކާމިޔާބު ނުވި ފަރާތްތަކުން، ކާމިޔާބު ހޯދި ފަރާތްތަކަށް މަރުޙަބާ ކިޔައި، ސަލާމްގަލާމްކޮށް ގުޅިގެން ކުރިއަށް ދިއުމަކީ ޑިމޮކްރަސީ ފައްކާކުރުމަށް ދެއްކޭނެ އެންމެ ރީތި މިސާލު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ޕާޓީގެ އެންމެހައި މެންބަރުން ވެސް މަސައްކަތް ކުރަމުންދަނީ އެންމެ ފުރަތަމަ ޤައުމު އިސްކޮށް، އިޚްލާޞްތެރި ނިޔަތަކާއި ވަރުގަދަ ޢަޒުމަކާއެކު ކަމަށެވެ. އަދި ޒުވާނުންނަށް ރީތި ނަމޫނާއެއް ދައްކައިދިނުމަކީ ޤައުމު ހެޔޮ މަގުގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ކޮންގްރެސްގެ ކަންކަން އެކުވެރިކަމާއެކު ނިންމާލުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މާލެއާއި އަތޮޅުތަކުން 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސް ކުރިއަށް އޮތް ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މަޤާމުތަކަށް މެންބަރުން ހޮވުމުގެ ވޯޓުލުން އޮންނާނީ މާދަމާއެވެ.

މި އިންތިޚާބުގައި ޕާޓީގެ އިސް މަޤާމުތަކަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ނައިބު ރައީސްކަމުގެ 6 މަޤާމަށް 8 ބޭފުޅަކު ވާދަކުރައްވައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މަޖިލިސް މެންބަރު އަސްމާ ރަޝީދު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، މަޖިލިސް މެންބަރު އިބްރާހިމް ޝުޖާޢު، މަޖިލިސް މެންބަރު ފާޠިމަތު ސަޢުދާ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.

މީގެއިތުރުން ކޮންގްރެސްގެ މެންބަރުންގެ މަޖިލީހުގައި ހިމެނޭ އަންހެން މެންބަރުންގެ 10 މަޤާމަށް 22 ބޭފުޅުން އަދި ޒުވާނުންގެ 7 މަޤާމަށް 13 ބޭފުޅުން ވާދަކުރައްވައެވެ. އަދި ޢާންމު މެންބަރުންގެ 18 މަޤާމަށް 73 ބޭފުޅުން ވާދަކުރައްވާއިރު، އެކި ދާއިރާތަކުގެ 9 މަޤާމަކަށް ކުރިމަތިލާފައިވަނީ އިންތިޚާބުކުރަން ޖެހޭ ޢަދަދަށް ކަމަށް ޕީއެންސީން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން