މި ހިނގާ އަހަރު ނިމުމުގެ ކުރިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 100،000 (އެއްލައްކަ) އަށް އިތުރުކުރުމަކީ އެ ޕާޓީގެ މައިގަނޑު އަމާޒު ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި އެ ޕާޓީން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މީގެ ދޮޅުމަސް ކުރިން 67،000 ގައި ހުރި މެންބަރުންގެ އަދަދު، މިހާރު ވަނީ 79،364 އަށް އަރާފައެވެ. މިއީ ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 12،000 އަށް ވުރެ ގިނަ މެންބަރުން އަލަށް ގުޅުނު އަދަދެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ އަލަށް ސިޔާސީ ޕާޓީއެއް އުފައްދައިގެން ވެސް ހޯދަން ދަތި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ފަލާހް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ އެންމެ 3،000 އެއްހާ މެންބަރުންނެވެ. ނަމަވެސް، ވެރިކަމުގެ މިވީ ދުވަސްކޮޅުގެ ތެރޭގައި ޕާޓީ ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި، މިހާރު ކުރިއަށްދާ 3 ދުވަހުގެ ކޮންގްރެސް ނިމޭއިރު މެންބަރުންގެ އަދަދު 80،000 އިން މައްޗަށް އަރާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޕާޓީއަށް ގުޅޭ މެންބަރުން ޕާޓީ ދޫކޮށް ނުދަނީ ޕީއެންސީގެ ސިޔާސަތުތަކާއި އުސޫލުތައް ރައްޔިތުންނަށް ބަލައިގަނެވޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ފަލާހް ވިދާޅުވީ، 2008 ވަނަ އަހަރު އުފެދުނު ފެހި ޤާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީތައް އުފެދުމުގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ. އަދި ރާއްޖޭގައި މައިގަނޑު ގޮތެއްގައި ދައުރުވަނީ ދެ ސިޔާސީ ފިކުރު ކަމަށާއި، ރައްޔިތުން ޕާޓީތަކާ ގުޅެނީ ގައުމުގެ މުސްތަގުބަލަށްޓަކައި ޕާޓީތަކުގެ ލީޑާޝިޕުން ކަނޑައަޅާ ތަސައްވުރުތަކަށާއި ރިޔާސީ މެނިފެސްޓޯތައް ތަންފީޒުކުރާ މިންވަރަށް ބަލާފައި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ދައުލަތް ހިންގެވުމުގެ ބުރަ މަސައްކަތްޕުޅާ އެކުވެސް، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ފަލާހް ފާހަގަކުރެއްވިއެވެ. އަދި މި ކޮންގްރެސްގައި ފާސްކުރެވުނު ޕާޓީގެ އައު އަސާސީ ގަވާއިދަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ މެންބަރުންގެ ވޯޓުން ފާސްކުރެވުނު ގަވާއިދުކަން އޭނާ ފާހަގަކުރެއްވިއެވެ.
އައު އަސާސީ ގަވާއިދުގެ ދަށުން ޕާޓީގައި މުޅިން އަލަށް މުހިންމު ގުނަވަންތަކެއް އުފައްދާފައިވާކަން ހާމަކުރައްވަމުން ފަލާހް ވިދާޅުވީ، އޭގެ ތެރޭގައި ދީނީ އިލްމުވެރިންގެ މަޖިލީހާއި، ޒުވާނުންނާއި އަންހެނުންގެ ހަރަކާތްތަކުގެ އިތުރުން، އިސްރަށްވެހިންނަށް ހާއްސަ ގުނަވަނެއް ހިމެނޭ ކަމަށެވެ. މިއިން ދައްކުވައިދެނީ ރައީސް ޑރ. މުއިއްޒަކީ މުޖުތަމައުގެ ހުރިހާ ފަންތިއަކަށް ވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ލީޑަރެއް ކަމަށާއި، ޕީއެންސީގެ ހަގީގީ މަގުސަދަކީ ގައުމަށް ހަމަޖެހުމާއި ތަރައްގީ އަދި ލާބައާއި މަންފާ ހޯދައިދިނުން ކަމަށް ވެސް ޕީޖީ ލީޑަރު ވިދާޅުވިއެވެ.