ގައުމީ އެޖެންޑާ އިސްކޮށް، ދިވެހިންނަށް ވަށާޖެހޭ ތަރައްގީ ހޯދައިދޭނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ގައުމީ އެޖެންޑާ އިސްކޮށް، ދިވެހިންނަށް ވަށާޖެހޭ ތަރައްގީ ހޯދައިދޭނަން: ރައީސް

ސަރުކާރާއި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަމައެކަނި އަމާޒަކީ ގައުމީ އެޖެންޑާ ހާސިލުކުރުން ކަމަށާއި، ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް ރައްޔިތުން އެދޭ ފަދަ ތަރައްގީ ހޯދައިދިނުމުގައި ދެމިތިއްބަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށްޓަކައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަލްސާގެ ބައިވެރިންނާ މުހާތަބުކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕީއެންސީއަކީ އަބަދުވެސް ޒިންމާދާރު ސިޔާސަތުތަކެއްގެ މައްޗަށް ބިނާވެ، ގައުމުގެ މަސްލަހަތު އެންމެ ކުރިއަށް ނެރޭ ޕާޓީއެއް ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުން ވެސް ހަރަކާތްތެރިވާއިރު، ގައުމީ މަސްލަހަތު އިސްކޮށް، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހި ގައުމިއްޔަތުގެ މައިގަނޑު އަސާސަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ "ދިވެހިންގެރާއްޖެ" ފަލްސަފާއަކީ އަމިއްލަ އެދުމާއި ޕާޓީގެ ފައިދާއަށް ވުރެ ގައުމީ މަސްލަހަތު ކުރިއަށް ނެރުން ކަމުގައި ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުން ގައުމަށް ގެއްލުންވާ ފަދަ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ގައުމަށް ގެއްލުމެއް ވާނަމަ ކޮންމެ ފަރާތަކާ ދެކޮޅަށް ވެސް ތެދުވަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ޕީއެންސީގެ މައިގަނޑު ތިން އަސާސަކީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަމަށެވެ. ހަމައެކަނި ބޮޑެތި އުމްރާނީ އިމާރާތްތައް ބިނާކުރުމަކުން ތަރައްގީ ފުރިހަމަ ނުވާނެ ކަމަށާއި، އޭގެ އިތުރުން ރައްޔިތުންގެ ހިތްތަކުގައި ގައުމީ ލޯތްބާއި ފިކުރު އަށަގަންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އިންސާނީ ފިކުރު ތަރައްގީކުރުމާއެކު ގެނެވޭ ވަށާޖެހޭ ތަރައްގީއެއްގެ ސަބަބުން، ގައުމުގެ މާޒީއަށާއި އަބްތާލުންގެ ޖިހާދަށް ފަހުރުވެރިވާ އަދި ކާބަފައިންގެ ރީތި އާދަކާދަތައް ދަމަހައްޓާ ދިވެހި މުޖުތަމައެއް ބިނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން