އެސްއެމްއީ ޑިޖިޓަލްގެ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކުރުމަށްޓަކައި ބާއްވާ ހާއްސަ އޯޕަން ޑޭ، އަންނަ ސެޕްޓެމްބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފފިއެވެ.
މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންގެ ލޯނުތައް އިސްލާމީ ޝަރީއާގެ ހަމަތަކަށް ބަދަލުކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.
ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމާއެކު، މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަވެގެންދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެއިތުރުން، ކުރިން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގެ ދަށުން 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން އެ ފަރާތްތަކުގެ ކްރެޑިޓް ރިކޯޑު ރަނގަޅުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.