މިއީ ދައްކާ އައުވާހަކަތަކެއް ނޫނެވެ. ހިތްވަރުދިނުމެކެވެ. ތަފާތު ދާއިރާތަކުގައި މަސައްކަތްކުރަމުން ކީރިތި ޤުރްއާން ހިތުދަސްކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. އެކަމުން އެނގޭކަމަކީ ހިތްވަރާއިއެކު މަސައްކަތްކޮށްފިނަމަ ކޮންމެ މަސައްކަތެއް ކުރަމުންވެސް ކީރިތި ޤުރްއާން ހިތުދަސްކުރެވޭނެ ކަމެވެ. މިވާހަކަ ގިނަގިނައިން ހަނދުމަކޮށް މިދެނީ އެކަމުން ކުރާނެ ފައިދާ ބޮޑުކަމުންނެވެ.
ކުރާ މަސައްކަތަށް ނުބަލާށެވެ! ދުވާލަކު އެންމެ އާޔތެއް ނަމަވެސް ހިތުދަސްކުރަން މަސައްކަތްކުރާށެވެ. ޞަޙާބީން ގިނައިން ދަސްފުޅުކުރެއްވެވީ 10 އާޔަތުންނެވެ.
މިބުނެލަނީ ދާދިފަހުން ކީރިތި ޤުރްޢާން ހިތުދަސްކޮށް ޙާފިޡަކަށްވާން މަސައްކަތް ފެށި ޢުމުރުން 14 ވަރަކަށް އަހަރުގެ ކުއްޖެއްގެ ވާހަކައެވެ. އިންޓަރނޭޝަނަލް ސްކޫލަކުން ހުރިހާ މާއްދާތަކެއް ކިޔަވައި މަތީ މާކްސް ހޯދަމުން އަހަރަކު 6 ފޮތް ހިތުދަސްކުރެއެވެ. އެކަމުން އެނގެނީ 6 އަހަރުން އޭނާ ޚަތިމް އެކުގައި ހިތުދަސްކޮށް ޙާފިޡަކަށްވެވޭނެ ކަމެވެ. އިން ޝާ ﷲ
އަދި އަހުރެންގެ އެކުވެރިއެއްގެ އަންހެން ދަރިފުޅު ހޮސްޕިޓަލުގައި ނަރުސްކަން ކުރަމުން ޤުރްއާން ހިތުދަސްކޮށްގެން މިހާރު ދުނިޔޭގެ ފެންވަރުގައި އޮންލައިންކޮށް ޤުރްއާން ކްލާސްތައް އެބަހިންގައެވެ.
ވީމާ ޤުރްއާނުގެ ޢިލްމް އުނގެނުމަކީވެސް އަދި ޙާފިޡަކަށްވުމަކީވެސް އެކަމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފި މީހަކަށް ބުރަކަމެއް ނޫންކަން ބަޔާންކުރަން މިފަދަ ކިތަންމެ ބައިވަރު މިޘާލުތަކެއް ދެއްކިދާނެއެވެ.
އަޑުއަހާށެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ (އަލްޤަމަރު: 17)
މިއާޔަތުގެ ތެދުކަމާއިމެދު ވިސްނައިލާށެވެ! ތުއްތު ކުދިން ކަމަށް ބެލެވޭ ކުދިން ޙާފިޡުންނަށް ވަމުން އަންނަކަމާއި ދުނިޔޭގައި އެކި އުމުރުގެ އެންމެ ގިނަބައަކު ހިތުދަސް ފޮތަކީ ޤުރްއާންކަމުގައި ނުވޭހެއްޔެވެ؟
ކީރިތި ޤުރްއާން އުނގެނެން އުނދަގޫކަމަށް ނުވަތަ ހިތުން ދަސްކުރަން އުނދަގޫ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި ނަމާދުގައި ކިޔާ ސޫރަތްތައް ދަސްކުރަންވެސް އުޒުރު ދައްކައެވެ. ނަމަވެސް އެމީހުން އެދައްކަނީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫންކަން ﷲ ތަޢާލާގެ މިވަހީ ބަސްފުޅުން އެނގިގެންދެއެވެ.
މީސްތަކުންނޭވެ! ކީރިތި ޤުރްއާން ދަސްކުރުމަކީ އެކަން ކުރަން ބޭނުންވާ މީހާއަށް ﷲ ތަޢާލާ ފަސޭހަކޮށްދެއްވަވާފައިވާ ކަމެކެވެ. ޢުމުރުން ނުހަނު ހަގު ކުޑަކުދިންވެސް ކީރިތި ޤުރްއާން އެކުގައި ދަސްކޮށް އެދަނީ ޙާފިޡުންނަށް ވަމުންނެވެ. މުޅި ދުނިޔޭގެ ނިޞްބަތުން ބެލި ނަމަވެސް ތަފާތު ޢުމުރުތަކުގެ އެންމެ ގިނަ މީހުން ހިތުދަސް ފޮތަކީ ކީރިތި ޤުރްއާނެވެ. މިއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ހަމަ ކިޔައިލާއިރަށް ހިތުދަސްނުވެދާނެއެވެ. ހިތަށް ކަންކަން ނަގައިގަތުމުގެ ބާރު އެކި މީހުންގެ ކިބައިގައި ވަނީ އެކި މިންވަރަށެވެ. ވީމާ ދަސްކުރަން މަސައްކަތް ކުރަންޖެހޭ މިންވަރު އެންމެން އެއްވަރު ނުވެދާނެއެވެ! މިއީ ހަމަ އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ ކަމެކެވެ. އެހެންކަމާއިއެކުވެސް ހިތްވަރާއިއެކު މަސައްކަތްކޮށްފިނަމަ ކީރިތި ޤުރްއާން އުނގެނުން ވެގެންދާނީ ދަސްކުރަން އެންމެ ފަސޭހަ ކަންތަކަށެވެ.
ކީރިތި ޤުރްއާނުން ހިތުދަސް މިންވަރުން ތިބާއަށް ކައްވަޅުގައި ނުހަނު ފައިދާ ކުރެއެވެ. ކީރިތި ޤުރްއާން ކިޔެވުން ގިނަކޮށް ހިތުދަސްކުރި މިންވަރަކުން ކައްވަޅުގެ ޢަޛާބު ލުއިކޮށްދެއްވަވަތެވެ. ޤިޔާމަތް ދުވަހު އެކަމުގެ ފައިދާ ކުރެތެވެ.
މުލްކް ސޫރަތާއި ބަޤަރާ ސޫރަތާއި ޢަލްޢިމްރާން ސޫރަތް ފަދަ ސޫރަތްތަކަކީ އެކަމަށް ހުރި ބައެއް ސޫރަތްތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން