ސުއިޒާ
ދަމު ނަމާދުގެ މާތް ކަމާއި މަތިވެރިކަން:
އަޅުގަނޑުމެން ކޮންމެ އިންސާނަކުވެސް ފުއްދަން ޖެހޭ ހާޖަތްތައްކެއް ހުރޭ. ދަންނަވަން ޖެހޭ ކަންތައްތަކެއް ހުރޭ. ކަންބޮޑުވުމާއި، ހާސްވުމާއި، ހިތްދަތިކަމާއި، ފަޤީރުކަމާއި، ނިކަމެތިކަމާއި، ކާމިޔާބު ބޭނުންވުމާއި، ވިޔަފާރި ކުރިއަރައި ދިޔުމާއި، ތަނަވަސް ދިރިއުޅުމެއް އަޅުގަނޑުމެން ހޯދުމާއި، ދުޝްމަނުންގެ މައްޗަށް ނަސްރު ހޯދުމާއި، މިހެން މިހެން ގޮސް ބައިވަރު ކަންކަން އަޅުގަނޑުމެން ބޭނުންވޭ.
އަދި އެއިން ކަމެއް ހާސިލް ވާނެ މަގެއް އަޅުގަނޑުމެންނަށް ފެނިއްޖެ ކަމުގައި ވާނަމަ ހާސިލް ކޮށްދޭނެ ފާރާތެއްގެ ވާހަކަ ބުނެވިއްޖެ ކަމުގައިވާނަމަ އެފަރާތެއްގެ އެހީތެރިކަމަށް އެދެން އަޅުގަނޑުމެން އެންމެން ތިބެނީ ތައްޔާރަށް.
އެހެންނަމަވެސް ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚުތުން، އަޅުގަނޑުމެން ވަނީ އަޅުގަނޑުމެންގެ މި ހާޖަތްތައް ފުއްދުމަށްޓަކައި ވަރަށް މަތިވެރި ފަރާތެއްގެ މަތިން ހަނދާން ނައްތާލާފަ. ވަރަށް މަތިވެރި ވަޤުތެއްގެ މަތިން އަޅުގަނޑުމެން ވަނީ ހަނދާން ނައްތާލާފަ. ރައްބު ޖައްލަ ޖަލާލު ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ރެއެއްގެ ތިންބައި ކޮށްފަ ފަހު ބައިގައި ދުނިޔޭގެ އުޑަށް ފައިބާވޮޑިގެން ވަޙީ ކުރައްވާ، ކާކުހޭ ހުރީ ތިމަން ރަސްކަލާންގެ ހަޟްރަތުގައި ކަމަކު އެދި ދަންނަވާނޭ، އެކަމެއް ތިމަން އިލާޙު ފުއްދަވައި ދެއްވުމަށްޓަކައި. ކާކުތޯ ހުރީ ތިމަން ރަސްކަލާންހެ ހަޟްރަތުގައި ފާފަ ފުއްސަން އެދި ދަންނަވާނޭ، އެމީހެއްގެ ފާފަތައް ތިމަން އިލާހު ފުއްސަވައި ދެއްވުމަށްޓަކައި.
ފަތިސް ވެއްޖައުމަށް ދާންދެން ރައްބު ޖައްލަ ޖަލާލު ސުބުޙާނަހޫ ވަތަޢާލާ އަޅުތަކުންގެ ހާޖާތްތައް ފުއްދަވައި ދެއްވުމުގައި، އަޅުތަކުންގެ ތައުބާ ޤަބޫލު ކުރެއްވުމުގައި، އަޅުތަކުންނަށް ފުއްސަވައި ދެއްވުމުގައި ދެމި ވޮޑި ގަންނަވާ. އަޅުގަނޑުމެން މި ހުރިހާ ކަމެއް ބޭނުންވާއިރުގަވެސް އަޅުގަނޑުމެންގެ އަޑެއް އެވަގުތުގައި އުޑުތަކުގައި ނީވޭ. އަޅުގަނޑުމެންގެ ޝަކުވާއެއް އެވަގުތުގައި އުޑުތަކަށް އުފލިގެން ނުދޭ. އަޅުގަނޑުމެން ތިބެނީ ގަދަ ނިދީގަ ނިދާފަ. ހޭލާ އުޅޭ ކަމުގައި ވާނަމަ ކޮންމެވެސް އެހެން ކަމެއްގަ.
ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚުތުން، ޙަޔާތުގެ ކާމިޔާބު ބޭނުންވާނަމަ، ޙަޔާތުގެ ތަސައްލީ އަޅުގަނޑުމެން ބޭނުންވާނަމަ، ދުނިޔެއާއި އުޚުރަވީ ޙަޔާތުގެ މަތީ މަޤާމްތަކަށް އިންސާނާ ވާސިލް ވާން ބޭނުންވާނަމަ، އަޅުގަނޑުމެންނަށް އޮތީ އުޑުތަކާއި ބިމުގެ ޚަޒާނާތައް މިލްކުވެ ވޮޑިގެންވާ ރައްބު ޖައްލަ ޖަލާލު ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޙުޝޫއަތްތެރިވެ އިބްތިހާލުވެ ދުޢާ ދެންނެވުން. ރޭގަނޑުގެ ވަޤުތުގައި މީސްތަކުންގެ ލޯތައް މެރިފައިވާ ވަޤުތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ތެދުވެ ދަންވަރު ނަމާދު ކުރުން.
ކީރިތި ޤުރުއާނުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މީސްތަކުން ނިދާފަ ތިބޭ ވަޤުތުގައ ތެދުވެ ނަމާދުކުރާ މީހުންނަށް، އެމީހުންގެ އަރާމު ތަންމަތިތަކުން އެބައި މީހުންގެ އަރިކަށިތައް ތެދުކޮށް އެ ތަންމަތިތަކާ ދުރުގަ ނަމާދަށް ތިބޭ މީހުންނަށް ތަޢްރީފުގެ ބަސް ވަޙީ ކުރައްވާފަ. (تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًۭا وَطَمَعًۭا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ) " އެބައި މީހުންނަކީ އެބައިމީހުންގެ ތަންމަތިތަކުން އެބައިމީހުންގެ އަރިކަށިތައް ފޭކުރާ މީހުންނެވެ." އޭގެ މާނައަކީ ނިދާފަ ތިބެފަ ނަމާދަށް ތެދުވާ މީހުން. (يَدْعُونَ رَبَّهُمْ خَوْفًۭا وَطَمَعًۭا) " އެބައިމީހުންގެ ވެރި ރަސްކަލާންގެއަށް ބިރުވެރިކަމާއި އުއްމީދާ އެކުގައި އެބައިމީހުން ދުޢާ ކުރެއެވެ. އަދި ﷲ ސުބޫޙާނަހޫ ވަތަޢާލާ ދެއްވި ތަކެތިން އެބައިމީހުން ހޭދަ ކުރެއެވެ."
(فَلاَ تَعلَمُ نَفس ٌ مَا أُخفِيَ لَهُممِنقُرَّةِ أَعيُن ٍ جَزَاء ً بِمَا كَانُوا يَعمَلُونَ) " އެއްވެސް ނަފްސަކަށް ނޭންގެއޭ އެ ނަފްސަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ރައްކާ ކުރައްވާފައިވާ، އެ ނަފްސަކަށް ﷲ ސުބޫޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ލައްޒަތާ އަރާމެއް. އެ ނަފްސަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ލޮލުގެ ފިނިކަމެއް އެއްވެސް ނަފްސަކަށް ނޭންގެއޭ." (جَزَاء ً بِمَا كَانُوا يَعمَلُونَ) " އެބައިމީހުން ކޮށް އުޅުނު ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުގަ."
ހިތްހަމަޖެހުން ބޭނުން ކަމުގައި ވާނަމަ، ދުނިޔޭގަ ހަމަޖެހިގެން ދިރިއުޅެން ބޭނުންކަމުގައި ވާނަމަ، އުޚުރަވީ ޙަޔާތުގެ މަތިވެރި މަޤާމަށް ވާސިލްވާން ބޭނުން ކަމުގައި ވާނަމަ ދަންވަރުގެ ނަމާދަކީ އެޔަށް ރައްކާތެރިވާން ޖެހޭ ނަމާދެއް. މީހާގެ މުރާލިކަމާއި ﷲ ސުބުޙާނަހޫ ވަތަޢާލާދެކެ މީހުން ވާ ލޯތްބާއި އިޚްލާސްތެރިކަން ދައްކައިދޭ މަތިވެރި އަޅުކަމެއް ދަންވަރު ތެދުވެ ކުރާ ނަމާދަކީ.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން
- މިއަދުނޫސް