މުސްލިމް އަޚުންނޭވެ! ހަމަކަށަވަރުން الله سُبْحَانَهُ وَتَعَالَى އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނެވެ. އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައްފުއްދުމަށް ލައްވައިފައިވާ ވަސީލަތެކެވެ. ހަމަ އެއާ އެކު، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ފަހެ ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ الله سُبْحَانَهُ وَتَعَالَى ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ސއވ ޙަދީޘްކުރައްވައިފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! ހަމަކަށަވަރުން މުދަލުން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެވެ. މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުން ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި އެއުރެންނީ، އެއުރެން ހޭދައެއްކޮށްފި ނަމަ އިސްރާފުނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ." ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ. އެހެނީ އިންސާނާގެ ޙަޔާތުގައި ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާން ޖެހެއެވެ. ބަލިވުމާއި، އަތްމަތި ދަތިވުމާއި، ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމެވެ. ފަހަށް ރައްކާކުރުމަކީ މި ގޮތުން ދިމާވާ ކަންކަމާ ކުރިމަތިލުމަށް ލިބޭ ބާރެކެވެ. އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ.
- މިއަދުގެ ޚުޠބާ އިން