ބަލިމީހުންގެ ރައްކާތެރިކަމަކީ އެންމެން ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް: ރައްޒާގު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ބަލިމީހުންގެ ރައްކާތެރިކަމަކީ އެންމެން ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް: ރައްޒާގު

ބަލިމީހުންގެ ރައްކާތެރިކަމަކީ އެންމެން ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ވަނީ މި ދުވަހުގެ މުނާސަބަތުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ފާމަސިސްޓުންނާއި، ލެބޯޓަރީ ޓެކްނީޝަނުންގެ އިތުރުން ސިއްހީ ދާއިރާގެ އެންމެހައި ހިދުމަތްތެރިންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، ބަލިމީހުންގެ ރައްކާތެރިކަމާ ދޭތެރޭ ދެވޭ ސަމާލުކަން އަބަދުވެސް ދެމެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަބްދުއްރައްޒާގު ހަލީމް އިތުރަށް ވިދާޅުވީ، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމައެކަނި ސިއްހީ ހިދުމަތްތެރިންގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އެއީ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކާއި، ހިދުމަތް ދޭ ފަރާތްތަކާއި، ސިއްހީ ދާއިރާ ހިންގުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއީ ބަލިމީހުންނަށް ރައްކާތެރި ސިއްހީ ހިދުމަތް ދިނުމުގެ މުހިންމުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި އދ. އިން ކަނޑައަޅައިގެން ފާހަގަކުރަމުން އަންނަ ހާއްސަ ދުވަހެކެވެ.

މިއަދު އޮންލައިން