އައިވީއެފް މެދުވެރިކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާތަނަށް 27 ކުދިން ކާމިޔާބުކަމާއެކު އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އައިވީއެފްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެ ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެ ސެންޓަރުން ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 35 ފަރާތެއްގެ އައިވީއެފް ވަނީ ކާމިޔާބު ކުރެވިފައެވެ. މީގެ ތެރެއިން 8 ފަރާތެއްގެ ޓްރީޓްމަންޓް މިހާރުވެސް ކުރިއަށްދާއިރު، ފަރުވާއަށްފަހު މިހާތަނަށް 27 ކުއްޖަކު ވަނީ އުފަންވެފައެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ ފަސޭހަ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް ޤާއިމުކުރެވުނު މި ސެންޓަރުގެ ޚިދުމަތާއެކު، އަމިއްލަ ޤައުމުގައި ތިބެ ފަރުވާ ހޯދައިގެން ޢާއިލާއެއް ބިނާކުރުމުގެ އުފާވެރިކަން މިހާރު ވަނީ 27 ޢާއިލާއަކަށް ލިބިގެން ގޮސްފައެވެ.