ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ސްޓްރެޓެޖިކް ޑައިލޮގްގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. 2023 އަދި 2025 ވަނަ އަހަރު ބޭއްވި ކާމިޔާބު ޑައިލޮގްތަކަށްފަހު، މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ދެ ޤައުމުގެ ޕާޓްނާޝިޕް ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް އެއްބަސްވެފައެވެ.
މި ޑައިލޮގްގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޑިރެކްޓަރ ފޯ ސައުތު އޭޝިއާ އެންޑް އަފްޣާނިސްތާން ލޯރ ބޯފިލްސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިންދު މާސިންގާ ސަރަޙައްދުގެ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ދިފާޢީ ގުޅުމާއި، ކަނޑުގެ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ޤައުމުން މަޝްވަރާކުރިއެވެ. މިގޮތުން ފުލުހުންގެ ޚިދުމަތާއި ދިފާޢީ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނު ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން ވަނީ ޔަޤީންކަން ދީފައެވެ. މީގެއިތުރުން، ކޮންސިއުލަރ ކަންކަމުގައި ދެ ޤައުމުގެ އިދާރާތަކުން ގާތުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވުނެވެ.
އިޤްތިޞާދީ ގޮތުން، 2026 މެއި 20 އިން 2028 ޑިސެމްބަރ 31 ގެ ނިޔަލަށް ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން އިނގިރޭސިވިލާތަށް އެތެރެކުރާ ޓެރިފް ކަނޑާލުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔެވެ. އަދި މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ޚިދުމަތްތަކުގެ ދާއިރާއިން ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭގޮތުންވެސް ދެފަރާތުން ވާހަކަދެއްކިއެވެ.
ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިނގިރޭސިވިލާތުން ތާއީދުކުރާކަން ހާމަކުރިއެވެ. ތަޢުލީމީ ދާއިރާއިން ޗީވްނިންގ އަދި ކޮމަންވެލްތު ސްކޮލަރޝިޕްތަކުގެ މުހިންމުކަން ފާހަގަކުރެވުނު އިރު، 2025 ވަނަ އަހަރު އިނގިރޭސިވިލާތުން 200،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާތީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިވަމުންދާކަން ފާހަގަކުރިއެވެ.
ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމްގެ ދަށުން ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށާއި، ކޯޕް-31 (COP31) ގެ ކުރިން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވިއެވެ. މިގޮތުން ކުދި ޖަޒީރާ ޤައުމުތަކާއި އޭއޯސިސް (AOSIS) ގެ ތެރޭގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ފާހަގަކުރެވުނެވެ. މި ޑައިލޮގް ނިންމާލާފައިވަނީ އަހަރީ ސްޓްރެޓެޖިކް ޑައިލޮގްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ އަޒުމާ އެކުގައެވެ.