ދައުލަތުން ފަށްޓަވައިގެން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން މިހައިތަނަށް 2 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާކަން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގިއްޖެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށީގެ ފެހިކަން އިތުރުކޮށް، ނެތިދިއުމުގެ ބިރުހީވެފައިވާ ގަސްގަހާގެހި އަލުން ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގަވާ ޚާއްޞަ ޕްރޮގްރާމެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހަރަކާތުގެ ދަށުން މިހާތަނަށް ޖުމްލަ 2،040،866 ގަސް ވަނީ އިންދައި ނިންމާފައެވެ.
މި މަޝްރޫޢުގެ ފުރިހަމަ ލަނދުދަނޑިއަކީ ޖުމްލަ 5،859،394 ގަސް އިންދުން ކަމުގައިވާތީ، ޕްރޮގްރާމް އެއްކޮށް ކާމިޔާބުކުރުމަށްޓަކައި އަދި އިތުރަށް އިންދަން ބޭނުންވަނީ 3،818،528 ގަހެވެ.