މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވިއްޖެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވިއްޖެ: ރައީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވިގެންދިޔަ ތާރީޚީ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަކީ މުސްތަޤުބަލަށް ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ތަޢުލީމު، ޞިއްޙަތު، ފަތުރުވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ، އިސްލާމީ ކަންކަން އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ކުރު މުއްދަތުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް ދިނުމަށް މެލޭޝިއާއިން ވިސްނަމުންދާތީ އެކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް (ޕީޓީއޭ) އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަށް މެލޭޝިއާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާތީ، އެކަމަކީ އިޤްތިޞާދީ ގުޅުން ބަދަހިވެ ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީގެ ޤައުމީ މަހާސިންތާއަށް މެލޭޝިއާގެ ބޮޑުވަޒީރު ފޮނުއްވި ތާއީދާއި ހިތްވަރުގެ މެސެޖަށްވެސް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ ފައިދާއާއި ލާބައަށްޓަކައި ދެ ޤައުމުގެ އަޚުވަންތަ ގުޅުން ކުރިމަގުގައި އިތުރު އުސްމިންތަކަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން