50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކީ ބީއެމްއެލްގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 45ސ
50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކީ ބީއެމްއެލްގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި

50 މިލިޔަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ބުނެ ދެކެވޭ ވާހަކަތައް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ދޮގުކޮށްފިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ބީއެމްއެލްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާއިން އެ ޓީ-ބިލް ދެއްކި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ މި 50 މިލިޔަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށްޓަކައި އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ 3 ބަޔަކަށް ބަހާލައިގެން، ކޮންމެ ފަހަރަކު 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލެއްގެ ގޮތުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު 17 ގައި 50 މިލިޔަން ޑޮލަރު، ޖޫން 26 ގައި 50 މިލިޔަން ޑޮލަރު އަދި އޮކްޓޫބަރު 1 ގައި 50 މިލިޔަން ޑޮލަރު ވަނީ ނަގާފައެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ މެއި 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، 17 ސެޕްޓެމްބަރުގައި މުއްދަތު ހަމަވާ 50 މިލިޔަން ޑޮލަރުގެ ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރައްވާނެ ކަމަށް އިޢުލާންކުރައްވާފައެވެ.

މާލީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ސަރުކާރުން ދަނީ ފުރިހަމަކުރަމުންނެވެ.

މިއަދު އޮންލައިން