ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވައިގެން މެނުވީ ރައްޔިތުން އެދޭފަދަ ވެރިކަމެއް ނުކުރެވޭނެ ކަމަށާއި، މިހާރުގެ ސަރުކާރުން ފެންނަނީ އެ މަންޒަރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ނިމިގެންދިޔަ ކާމިޔާބު ކޮންގްރެސްއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފެށުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ނަމޫނާއާ އެއްގޮތަށް ރައްޔިތުންގެ ތެރެއަށް ފައިބައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސިޔާސީ މައިދާނުގައި ކާމިޔާބީ ހޯދެނީ ވަކި ޢާއިލާއަކަށް ނިސްބަތްވުމުން ނޫން ކަމަށާއި، އެއީ އިޚްލާޞްތެރި އަދި ތެދުވެރި މަސައްކަތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ސަރުކާރު ފެށުނުއިރު ޤައުމު ބަނގުރޫޓުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް، ރައީސްގެ ހަރުދަނާ ވިސްނުންފުޅާއެކު ދަރަނިތައް ދައްކަވައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުން ގެންދަވާ ކަމަށެވެ. އަދި ވާދަވެރިންގެ ފާޑުކިޔުންތަކަށް ފަސްނުޖެހި، ރަށްރަށުގައި ތިބި ޕާޓީގެ އިސް ފަރާތްތަކުން ގުޅިގެން ރައީސް ޑރ. މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ފެށުމަށް އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، ސަރުކާރުގެ ވަޒީފާތަކުގައި އެހެން ޕާޓީތަކުގެ މުވައްޒަފުން ތިބި ނަމަވެސް އެއްވެސް މީހަކަށް ބޭއިންސާފުން ކަންތައް ނުކުރާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުން ގެންދަވާތީ، 2028 ގެ ރިޔާސީ އިންތިޚާބު އެމަނިކުފާނު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި، ޤައުމަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރުމަށް ރައީސް އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ފަލާހް ވިދާޅުވިއެވެ.