ވޭތުވެދިޔަ ވެރިކަންތަކުގައި އެކި ގޮތްގޮތަށް ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ޖުމްލަ 1.3 ބިލިއަން ޑޮލަރު މި ސަރުކާރުން މިހާތަނަށް އަނބުރާ ދައްކައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ވެރިކަން ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓު ނިންމުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމު ދަރަނީގެ މަޅިން ސަލާމަތްކޮށް، ދައުލަތުގެ އަގުހުރި ހަރުމުދާތައް ރަހުނުން މިނިވަންކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިއީ ހާސިލުކުރެވުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އިހުގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު ފާއިތުވި ބުރާސްފަތި ދުވަހުވެސް ދައްކާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ދަރަނިތަކުގެ ވާހަކަ ނުދެއްކުމަށް ބައެއް ފަރާތްތަކުން އެދެމުންދާތީ އެކަމަށް ފާޑުވިދާޅުވެ، އެފަދަ ފަރާތްތަކުން މަސައްކަތް ކުރަނީ ޤައުމު ދަރަނިވެރިވި ޙަޤީޤަތް ފޮރުވަންތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ފަރާތްތަކުން ބޭނުންވަނީ އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދައްކައި، އެ ވާހަކަ އޮއްބާލުމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަމައެކަނި ދަރަނި ނެގީ ނޫން ކަމަށާއި، ދައުލަތުގެ މުދާތައް ވިއްކައި ރަހުނުވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން މިހާރު 532 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ނިންމާލާފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.