ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުރިހާ އަމަލެއްވެސް ބިނާވަނީ އިސްލާމްދީނާއި ޤައުމިއްޔަތުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ، ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދަނީ ދީނަށް ނަޞްރުދީ، އިސްލާމީ ޙަޟާރަތު އާލާކުރުމަށް ކަމަށެވެ.
މާޒީއާއި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު، ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ފެނިގެންދިޔައީ ފަނާކުރުވަނިވި ފިކުރެއްގެ މަތީގައި ކަންކަން ކުރި މަންޒަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުން ކަމަށެވެ. އަދި މި ސަރުކާރުން ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ހިންގުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ޤައުމުގެ މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ އޮއިވަރުގައި ޖެހިގެން އެންމެ ރަނގަޅު ނޫން ނިންމުންތައް ނިންމާފައިވާކަން މާޒީން ފެންނަން އޮތުމުން، ނިންމުންތައް ނިންމާއިރު އަބަދުވެސް ޤައުމު އިސްކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން، ދިވެހިންގެ ތެރޭގައި އޮތް އިޚްތިރާމް އަދާކުރުމުގެ ރީތި އާދަތައް ނެތިދިޔައީ ރާއްޖެއަށް ސިޔާސީ ނިޒާމު އައި ވަގުތު ޤައުމުގެ އިސްވެރިންގެ އަބުރު ގެއްލުވާލުމަށް ރޭވިގެން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށާއި، އެއީ އިސްލާމްދީނާއި ދިވެހިންގެ އާދަކާދައާ ދެކޮޅު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ފިކުރީގޮތުން ދިމާ އިދިކޮޅު ފަނާކުރުވަނިވި ފިކުރުން ޤައުމު ހިންގި ކޮންމެފަހަރަކު އިސްކުރީ ޤައުމެއް ނޫން. ބައެއް ފަހަރު ދީނާ ޚިލާފުކަންކަން ހިނގާފައި އެބަހުރި. ސައްތަން ސައްތައިން ސައްތަ އިސްލާމް ދީނުގެ ދިފާއުގައި ދިވެހިން އެއްވާންޖެހުނީ ކަންތައްތަކެއްވީމަ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ ޕީއެންސީއާއި އެހެނިހެން ފިކުރުތަކުގެ ތަފާތު ދެނެގަތުމަށް ވިސްނައި، ކަންކަން އަޅާކިޔުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް ވިސްނުމުން ޕީއެންސީއަކީ އަދުލުވެރިކަމާއި އިންސާފާއި އިޚުލާސްތެރިކަމުގެ ޕާޓީކަން ހާމަވާނެ ކަމަށާއި، ޕީއެންސީއަކީ ބިނާކުރުމުގެ ފިކުރުގެ މަތީގައި ދެމިއޮތް ހަމައެކަނި ޕާޓީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕީއެންސީ ކުރިއަށްދާނީ މި ފަލްސަފާގެ މަތީގައި ކަމަށާއި، ޕާޓީގެ ސަފުތައް ބަދަހިކޮށް އެކުވެރިކަން އޮތީ އެ ސަބަބާ ހުރެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.