ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއަހަރުގެ މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިންމު އަދި ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބޭއްވި ފުރަތަމަ މުބާރާތެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތަށް ޚާއްޞަ އޮޑިޝަން ބުރުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި އޮޑިޝަންތައް ބާއްވާފައިވެއެވެ. މި އޮޑިޝަން ބުރުގައި 3,050 ކުދިން ބައިވެރިވިއިރު، އޭގެ ތެރެއިން 2,742 ކުދިން ވަނީ އޮޑިޝަންގައި ކިޔަވާފައެވެ.
މުބާރާތުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮޑިޝަން ބުރަށްފަހު ސެމީ ފައިނަލަށް 379 ދަރިވަރުން ވަނީ ދަތުރުކޮށްފައެވެ. އަދި ފައިނަލް ބުރަށް 140 ދަރިވަރުން ހޮވުނު ނަމަވެސް، ފައިނަލް ބުރުގައި ކިޔަވާފައިވަނީ 138 ދަރިވަރުންނެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުންތައް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ކިންގް ސަލްމާން މިސްކިތުގައެވެ.