އަޅުގަނޑަކީ އެކަނިވެރިމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަންހެންކުއްޖަކީމެވެ. މަންމަ އަޅުގަނޑަށް ކިޔަވައިދިނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. އަދި އެންމެ ބޮޑަށް ސަމާލުކަންދިނީ ރިވެތި އަޚްލާޤަށެވެ. އަޅުކަންކުރުމަށެވެ. އެހެންވެ 18 އަހަރުފުރުނީންސުރެ ރޭއަޅުކަންވެސް ކުރަމެވެ. ވަރަށް ކުރުކޮށެވެ. އެންމެ ދެރަކްޢަތްކޮށްފައި ޤުރްއާނުން މިންވަރެއް ކިޔަވާލައި ދުޢާކުރަނީއެވެ.
ކޮލެޖު ނިމުނުތަނާ ފެނުނު ހުވަފެނެއްގައި މީހަކު ބުނީ ގިނައިން މީހުންނާއި ބައްދަލުކުރެވޭނެ ތަނެއްގައި ވަޒީފާއަދާކުރުމަށެވެ. އަދި ނިކަމެތިންނަށް އަޅާލައި އެހީތެރިވުމަށެވެ. އެހެންވެ ވަޒީފާ ހޯދީ ސްޕަމާކެޓަކުންނެވެ. އެތަނަށް އަންނަ އެންމެންނަށްވެސް އެހީތެރިވަމެވެ. ޢުމުރުން ދުވަސްވީ މީހުންނަށާއި ނިކަމެތިންނަށް އިތުރަށް ސަމާލުކަން ދެމެވެ.
ކޮންމެ ދުވަހަކުހެން އެތަނަށް އަންނަ ޢުމުރުން ދުވަސްވީ މީހަކު އައުދެއެވެ. އޭނާއަށް ސަމާލުކަންދޭތީ އިސްވެރިން އެކަމަށް ނުރުހި ބަސްބުނަން ފެށުމުން ބުނީމެވެ. "ފެންނަ ފެނުމުގައި އޭނާއަކީ ފަޤީރެކެވެ. ގަންނަނީ މަދުކޮޅެއް ނަމަވެސް ކޮންމެ ދުވަހަކު އައުދެއެވެ. ކުށަކަށްވާނަމަ މިހުރީ ވަޒީފާއިން ވަކިވާށެވެ."
އެމީހުން އަޅުގަނޑު ވަޒީފާއިން ވަކިކުރިއެވެ. ވަޒީފާއިން ވަކިކުރީމާ ގެއަށްދާން ނުކުމެވުނީ އޭނާގެ ކުރިމައްޗަށެވެ. ވީގޮތް ބުނެދީފައި ދެން އެތަނުން ނުފެންނާނެ ކަމަށް ބުނީމެވެ. އޭނާގެ މޫނަށް ރޫތަކެއް އަރުވާލާފައި ފޯނު ނަންބަރަށް އެދުނީމާ ނަންބަރުދީފައި ނުކުމެގެން ދިއައީއެވެ.
އެއިގެ ފަހުން 3 ވަނައަށް އޮތް ދުވަހު ގުޅާފައި ބުނީ އޭނާގެ ގެއަށް އައިސްދިނުމަށެވެ. ވަކިކަމެއްވެސް ނުބުނެއެވެ. އެކަމަކު ދިއައިމެވެ. އެއީ އޭނާއަކީ ހިތްހެޔޮ މީހެއްކަން ޔަޤީންވާތީއެވެ.
އެގެއަކީ ރަނގަޅަށް ހަދާފައި ހުރި ގެއެކެވެ. ތިރީ ބުރީގައި ކުޑަ އޮފީހެއް ހުރެއެވެ. އެތަނަށް ވައްދާފައި ބުނީ މިގެނައީ ވަޒީފާއެއް ހަމަޖައްސައިދޭން ކަމަށެވެ. ކުރަންޖެހޭ ކަމަކީ އޭނާގެ ގާތަށް އެހީއަށް އެދިގެން އަންނަ މީހުންނަށް އަޅާލައި އެމީހުންނަށް އޭނާދޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެލަވަންސްތަކާއިއެކު މަހަކު 20،000 ރުފިޔާގެ މުސާރައެއް ދިނެވެ. ދުއްވާނެ ސައިކަލެއްވެސް ދިނެވެ.
މިއީ 4 އަހަރު ފަހެވެ. އަހުރެންނަކީ އޭނާގެ ދެވަނަ ދަރިފުޅުގެ އަނބިމީހާއެވެ. ދަރިއަކުވެސް ލިބިއްޖެއެވެ. ފިރިމީހާގެ ހެޔޮކަމުގެ ވާހަކަ ދައްކައި ކޮޅުންލާކަށް ނެތެވެ. އެހައިވެސް ހެޔޮ ފިރިއެކެވެ. ދެމަފިރިން އުޅެމުން މިދަނީ ގެއިން ފިރިމީހާއަށް ދީފައިވާ އެޕާޓްމަންޓްގައެވެ. ފިރިމީހާ ފިހާރައެއް ހިންގައެވެ. ކުރިން އަދާކުރަމުން އައި ވަޒީފާވެސް އަދާކުރަމެވެ. މުސާރަވެސް ދެއެވެ.
މިއީ އަޅުގަނޑުގެ ޙަޔާތުގައި ކަންތައް ދިމާވި ގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކައަކަސްވާނެކަމަށް އުންމީދުކުރަމެވެ.
- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް