ލޯބިވެރިޔާއަކީ ތަނަވަސް މީހެއްކަމަށް ބުނެ ދޮގުހެދީމަވެސް އުފަލުންތިބެ ރުހުންދޭ މައިންބަފައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ލޯބިވެރިޔާއަކީ ތަނަވަސް މީހެއްކަމަށް ބުނެ ދޮގުހެދީމަވެސް އުފަލުންތިބެ ރުހުންދޭ މައިންބަފައިންނަށް ޢިބްރަތްތެރި ފިލާވަޅެއް!

ގިނަ ބައެއްގެ ވިސްނުމުގައި އެންމެ ބޮޑަށް ހަރުލާފައި ހުންނަނީ ތަނަވަސްކަމެވެ. ތިމާއަށް ނުވަތަ ޢާއިލާއަށް ތަނަވަސްކަން އިތުރުވާނެ ގޮތްތަކެވެ. ރިވެތި ހަރުދަނާ ދިރިއުޅުމަކާއިމެދު ވިސްނާ މީހުން މަދުވެއްޖެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ ތަޤްވާވެރިންނަށް އިސްކަންދީގެން ކައިވެނިކުރުމާއި ކައިވެނިކުރުވުން މަދުވެއްޖެއެވެ.  

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ވިސްނާލަންވީ ތަނަވަސްކަމަކީ ﷲ ތަޢާލާ ދެއްވަވާ އެއްޗެއް ކަމާއި މިއަދު ފަޤީރުންގެ ގޮތުގައި ތިބޭ މީހުން މާދަމާވެސް މުއްސަނދިންނަށްވެދާނެ ކަމެވެ. އަދި ދިރިއުޅުމުގައި އެންމެ މުހިންމީ ތަނަވަސްކަން ނޫންކަމާއި ތަޤްވާވެރިކަން ކަމެވެ.  

އޭނާގެ ތިބެނީ 2 ފިރިހެންދަރިންނެވެ. އަންހެން ދަރިއަކު ނުހުރެއެވެ. އޭނާގެ ހުރިހާވެސް އުންމީދަކީ 2 ދަރިން ވީހައި ތަނަވަސް އަންހެނުންނާއި ކައިވެނިކުރުވުމެވެ.  

ދެދަރިން ބޮޑުވެ ކައިވެނިކުރަން ބޭނުންވީ އެކުއެކުގައެވެ. ދެދަރިންވެސް އެމީހުންގެ ލޯބިވެރިންނާއި މަންމައާއި ބައްދަލުކުރުވިއެވެ. އެއީ މަންމަގެ ރުހުމާއި ހެޔޮދުޢާ ހޯދުމަށެވެ. ހަގުދަރިފުޅު ބުނީ އޭނާގެ ލޯބިވެރިޔާއަކީ ވަރަށް މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމަށެވެ. މަންމަ ވަގުތުން އޭނާއަށް ރުހުނެވެ. ދޮށީ ދަރިފުޅު ބުނީ އޭނާގެ ލޯބިވެރިޔާއަކީ ޓީޗަރެއް ކަމަށެވެ. ޓީޗަރުންނަކީ އެހައި ބޮޑު މުސާރައެއް ލިބޭ ބައަކަށްނުވާތީ އޭނާ ފާހެއް ނުވިއެވެ. މަންމަ އެދުނީ އަވަހަށް އެކަން ހުއްޓާލުމަށެވެ. ނަމަވެސް އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާތީ ކުރިއަށް ގެންދިއައީއެވެ. 

ދުވަސްކޮޅެއްފަހުން މަންމަގެ 2 ކިޑްނީ ފޭލްވެގެން ކިޑްނީ ބަދަލުކުރަން ޖެހުނެވެ. އެކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވިއެވެ. ޢާއިލާގައި އެފަދަ ތަނަވަސްކަމެއް ނެތެވެ. އެހެންވެ ބޭބެ ކޮއްކޮގެ ކިބައިން އެދުނީ އޭނާގެ ތަނަވަސް ލޯބިވެރިޔާގެ ކިބައިން އެހީތެރިކަމަށް އެދުމަށެވެ. ކޮއްކޮ ބުނީ އޭނާއަކީ އެއްވެސް ތަނަވަސްކަމެއްހުރި އަންހެނެއް ނޫންކަމަށާއި މަންމަ ރުއްސަންވެގެން ދޮގުހެދީކަމަށެވެ.  

މިޒުވާބުގަނޑުގައި ތިއްބައި ޑޮކްޓަރު އައިސްބުނީ ބިލުގެ ހުރިހާ ކަމަކާއި ތަނަވަސްކަންހުރި އަންހެނަކު ޙަވާލުވެއްޖެ ކަމަށާއި ޑޯނަރއެއް ލިބުނުހާ އަވަހަކަށް އޮޕަރޭޝަންކުރެވޭނެ ކަމަށެވެ. އެހިސާބުން އުފެދުނީ ސުވާލެކެވެ. މަންމައަށްޓަކައި އެހައިބޮޑު ޚަރަދެއް އެކުރަނީ ކާކުބާވައެވެ!  

އެއީ ކާކުކަން އެނގުނީ އޮޕަރޭޝަންކޮށްގެން ހޮސްޕިޓަލުން ނުކުންނަން އޮތް ދުވަހުއެވެ. ޚަރަދުކުރީ ދޮށީ ދަރިފުޅުގެ ލޯބިވެރިޔާއެވެ. އޭނާއަކީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ.  

"އަހަރެން ކަލެއަށްވެސް އަހަރެންގެ ޙަޤީޤަތް އޮޅުވައިލީ އަހަރެންގެ ތަނަވަސްކަން ދެކެ ލޯބިވެދާނެތީއެވެ. ބައުފޭރާން ލައިގެން ބައްދަލުކޮށްއުޅުނީ އެހެންވެގެންނެވެ. އަހަރެންގެ މަސްގަނޑުދެކެ ލޯބިވާނެ މީހަކު ހޯދަންބޭނުންވާތީއެވެ. މަންމަ އެދުވަހު ބުނި ބަސްތައް އެއީ ކަމަކަށް ހަދައި ކަލެއާއި ވަކިވާކަށް ނެތީމެވެ. އަހަރެމެން ދެމީހުންނަށްވެސް މިވަނީ ލޯބީގައި އެއަށްވުރެ މާބޮޑަށް ކުރިއަށްދެވިފައެވެ.  

ވީމާ ކަލޭގެ މަންމަވެސް އަހަރެންގެވެސް މަންމައަށެވެ. ވީމާ އެޚަރަދުތައް އަހަރެންކުރީއެވެ. ދުޢާއަކީ މަންމައަށް ޝިފާ ލިބި ހެޔޮ ޙާލުގައި ދިގުއުމުރެއް ދެއްވެވުމެވެ."   

އެދުވަހު ބުނެވިފައިވާ ބަސްތައް ހަނދާންވުމުން އިތުރަށް ބުނެވޭނެ އެއްޗެއް ނެތެވެ. އެހެންކަމުން ކަރުނައަޅަމުން ގޮސް އޭނާގެ ގައިގައި ބައްދާލައި މާފަށް އެދުނެވެ."  

ޙަޤީޤަތުގައި މިއީ އަޅުގަނޑަކީ ފަޤީރު އަންހެނަކަށްވުމުން ލޯބިވެރިޔާގެ މަންމަ އަޅުގަނޑުމެންގެ ކައިވެންޏަށް ދެކޮޅު ހަދަމުން ދިއަދުވަސްވަރު އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. ކުދި ބަދަލުގެނެސް އުފައްދާފައިވާ ބައެއް ފިލްމްކްލިޕްތައްވެސް މިހާރު ފެނެއެވެ.  

އަޅުގަނޑަކީ ހަމަ ޙަޤީޤަތުގައިވެސް ފަޤީރަކަށްވުމުން އަޅުގަނޑުމެންގެ ކައިވެންޏަށް ރުހުމެއް ނުލިބުނެވެ. ޖެހުނީ ދެމީހުން ވަކިވާށެވެ. ނަމަވެސް ތަނަވަސްކަމަކީ ކޮންމެ މީހަކަށްވެސް ﷲ ދެއްވެވުމުން ލިބޭ އެއްޗަކަށްވާތީ އަޅުގަނޑަށް ކައިވެނިކުރެވުނު ފިރިމީހާ އާއި އަޅުގަނޑަކީ މިހާރު ފަޤީރުންނެއް ނޫނެވެ. ދެމީހުންގެ އަމިއްލަ 2 ފިހާރަ އެބަހުއްޓެވެ. 800 އަކަފޫޓުގެ ބިންކޮޅެއްވެސް ގަނެ ގެވެސް އެޅިއްޖެއެވެ.  

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ ރުފިޔާ ބޮނޑީގެ ދަހިވެތިކަމުގަ އުޅޭ މައިންނަށް ފިލާވަޅަކަށެވެ. ފަޤީރެއްވިއްޔާ ހިތަށް އެރިހާ އެއްޗެއް ގޮވާލަންވީއެވެ. ކިޑްނީ ބަދަލުކޮށްދީ، ތަނަވަސްކަންހުރިކަން އެނގުނީމާ އެވަރެއް ނެތެވެ. އަޅެ މިއީ ހަމަ އިންސާނުންހެއްޔެވެ؟

 

- އަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން