އެއްވެސް ކަމެއްގަ މަކަރުހަދާނަމަ ޖެހޭނެ ޙާލު މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އެއްވެސް ކަމެއްގަ މަކަރުހަދާނަމަ ޖެހޭނެ ޙާލު
މާބޮޑުވާނެ!


ގިނަ ބައެއްގެ ވިސްނުމުގައި ހުންނަނީ އަވަހަށް ފުންމައިގެން މައްޗަށް އެރުމަށެވެ. ފުންމައިގެންފިނަމަ ވެއްޓޭނެ ކަމާއިމެދު ވިސްނައިލަނީ ހަދުމީހެކެވެ. ނިކަން ބުނެބަލާށެވެ! ކިތަންމެ މޮޅު ފުމުންތެރިއެއް ނަމަވެސް ފުންމައިގަނެ މައްޗަށް އަރާގޮތަށް މަތީގައި ހިފެހެއްޓި އޮވެވޭ ހެއްޔެވެ؟ މިކަމަށް ވިސްނައިފި މީހަކަށް ޢިބްރަތަކަށް ފުދޭނެއެވެ.

ވިޔަފާރިއެއް ފެށުމާއިއެކު އެންމެ ތަނަވަސްމީހުންގެ ތެރޭގައި ހިމެނެން ބޭނުންވާ މީހުން ވަރަށް ގިނައެވެ. އެހެންވެ އަވަހަށް ތަނަވަސްކަން އިތުރުކުރަން ބޭނުންވެ ވިޔަފާރީގައި މަކަރުހަދަން ފަށައެވެ. ހަމައެއާއިއެކު ތަނަވަސްކަން ލިބުނަސް ހިތްނުފުރި މަކަރާ ހީލަތް ހަދާ މީހުން ވަރަށް ގިނައެވެ. ވީމާ މިކަމަކީ އިތުރަށް ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.

ވިޔަފާރިކުރުމުގައި ތެދުވެރި، އިޚްލާޞްތެރި ވިޔަފާރިވެރިން ޤިޔާމަތް ދުވަހުގައި ވާނީ ޝަހީދުންނާއިއެކުގައި ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގެ ދަލީލު ދައްކަވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"ވިޔަފާރިކުރަނީ އާމްދަނީ އިތުރުކުރުމަށެވެ. މަކަރު ހެދުމަކީ އެންމެ ފަސޭހައިން އާމްދަނީ އިތުރުކުރެވޭނެ މަގެވެ. ނަމަވެސް ފައިސާ އިތުރުކުރަން އިންތިހާއަށް ބޭނުންވެގެން ތިބެ ވެސް އަދި މަކަރު ހަދައިގެން ފައިސާ އިތުރުކުރުމުގެ ފުރުޞަތު އޮވެމެވެސް ތެދުވެރި އިޚްލާޞްތެރިން މަކަރު ނުހަދަނީ ﷲ ތަޢާލާއަށް ބިރުންނެވެ! ތެދުވެރިވުމަށެވެ.

މިއީ އަމިއްލަ ނަފްސާއި ދެކޮޅަށް ކުރެވޭ ވަރަށް ވަރުގަދަ ޖިހާދެކެވެ. ﷲ ތައާލާގެ މަގުގައި ސާބިތުވެ ހުރުމަށް ކުރެވޭ ވަރަށް ވަރުގަދަ ޖިހާދެކެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ ޙައްޤު ގޮތުގައި ވިޔަފާރިކުރާ މީހާ އެގެންދަނީ ވަރުގަދަ ޖިހާދެއް ކުރަމުންނެވެ."

ވިޔަފާރީގައި ތެދުވެރި ނުވި މީހުން ޤިޔާމަތް ދުވަހުން ވާނީ ފާސިޤުން (ފާފަކުރިމީހުން)ނާއިއެކުގައި ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.

ރަސޫލް (ﷺ) ވަނީވިޔަފާރީގައި އެއްވެސް މަކަރެއް ނުހަދަން ގަދަ އަމުރުފުޅުން އަމުރުފުޅުކުރައްވަވައިފައެވެ. ވިއްކާ ތަކެތި ގަޑުބަޑު ނުކުރުމަށާއި ފެންވަރު ރަނގަޅުތަކެތީގެ ގޮތުގައި ދަށުދަރަޖައިގެ ތަކެތި ދައްކައިގެން ވިޔަފާރި ނުކުރުމަށް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ހަމަ އެއާއެކުގައި ކޮންމެ އުންމަތަކަށް ފިތުނައެއް (އިމްތިޙާން ކުރެއްވެވުމެއް) ވާ ކަމަށާއި އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ (އިމްތިޙާން ކުރައްވަވާނީ) ތަނަވަސްކަމުން ކަމަށްވެސް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

މުދަލުގެ ޙަޤީޤަތް އޮލުވާލަން ދޮގުހެދުމާއި ދޮގުހުވާކުރުން އަންނަނީ ޝައިޠާނާގެ ކިބައިންނެވެ. އެކަންކަން ޠޯހިރުކުރަން ބޭނުން މީހާ އެކަންކަން ނުކޮށް ޙަލާލު ގޮތުގައި ފައިސާ ހޯދައި ޞަދަޤާތްކުރުން ގިނަކުރާށެވެ!

އެމީހާ ކުރާ މާލީ މުޢާމަލތްތަކުގައި ތެދުވެރިނުވާ މީހާ ކުރާ ނަމާދާއި ހިފާ ރޯދައިން އެމީހަކަށް ލިބެންވާ މަންފާ ނުލިބިދާނެ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

ކޮންމެއަކަސް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވި ފިތުނަ މިހާރު މިވަނީ ޢާންމުވެފައެވެ. ސަލާމަތްކަން އެދޭމީހާ އެ ފިތުނައިން ސަލާމަތްކަން ލިބިގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން