މީހެއްގެ ކިބައިން މާފަށް އެދެންޖެހޭ ފަދަ ކަމެއް ކުރެވިފައިވާނަމަ މާފަށް ނުއެދި ހުރުމަކީ ފަހުން މާދެރަގޮތް މެދުވެރިވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މީހެއްގެ ކިބައިން މާފަށް އެދެންޖެހޭ ފަދަ ކަމެއް
ކުރެވިފައިވާނަމަ މާފަށް ނުއެދި ހުރުމަކީ ފަހުން މާދެރަގޮތް މެދުވެރިވެދާނެ
ކަމެއް!


ދުނިޔޭގެ ލަދު އާޚިރަތުގެ ގިންޏަށްވުރެ މާބޮޑު ކަމަށް ބުނެވޭ ބަހުގެ މާނައަކީ މީހެއްގެ ކިބައިން މާފަށް އެދެންޖެހިފައިވާނަމަ ލަދުން އެކަން ނުކުރުމެއް ނޫނެވެ. ލަދުގަންނަން ޖެހިދާނެ އެއްވެސް ކަމެއް ނުކޮށް ހުރުމެވެ.  

މިޘާލަކަށް ޙައްދުޖަހަންޖެހޭނީ ޙައްދުޖަހަންޖެހޭ ފާފައެއް ކުރުމުންނެވެ. އެފަދަ ފާފައެއް ނުކުރިނަމަ ޙައްދުޖަހާކަށް ނުޖެހޭނެއެވެ. ލަދުގަންނާކަށްވެސް ނުޖެހޭނެއެވެ. ވީމާ ވިސްނައިގެން އަޑުއަހާށެވެ!

ﷲ ތަޢާލާ އިންސާނުންގެ ފާފަތައް ފުއްސަވައި ދެއްވަވަނީ އެއްވެސް އިމެއް ނެތިއެވެ. އެއްވެސް މުއްދަތެއްވެސް ނެތިއެވެ. ކުރެވިފައިވާ ހުރިހާ ފާފަތަކަށެވެ.

ވީމާ ތިބާ ތައުބާވެ ރަނގަޅު ގޮތުގައި އުޅެމުން ދަނިކޮށް ތިމާގެ މާޒީގެ ވާހަކަ މީހަކު ދެއްކި ނަމަވެސް ސަމާލުކަން ނުދޭށެވެ! އަޅައިވެސް ނުލާށެވެ! އެހެނީ ތިބާގެ ފާފަތައް ފުއްސަވައި ދެއްވަވަނީ ﷲ ތަޢާލާއެވެ. ސުވަރުގެ ވައްދަވާނީ ވެސް ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހަކަށް އެކަމުގެ މައްޗަށް ބާރުފޯރުވޭނެ ކަންކަމެއް ނޫނެވެ. ވީއިރު މީހަކު ބުނާ އެއްޗަކާއިމެދު ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟

ތިބާ މިހާރު އުޅެމުން ގެންދަނީ ތައުބާވެ ރަނގަޅު ގޮތުގައި ކަމަށްވާނަމަ އިރެއްގައި ތިބާއަށް ކަންކަން ކުރެވުނު ގޮތާއި އަދި އުޅެވުނު ގޮތާއިމެދު ކަންބޮޑުވުމެއް ނެތެވެ. އެހެނީ އިންސާނާ އާއިމެދު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ އޭނާ އުޅެމުން ގެންދާ ގޮތަށެވެ. މާޒީގައި ކުރެވިފައިވީ ކަންކަމަކުން ނޫނެވެ.

ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބަ އޮތެވެ. އެއީ ތިބާއަށް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމައެވެ. ދަރަނިވެރިވެފައިވާނަމައެވެ. އެކަންކަމުގެ ޝަކުވާ ކޮށްފިނަމަ އެމީހެއްގެ ޙައްޤު އަދާކުރަންވާނެއެވެ. އަދި ޝަކުވާ ނުކުރި ނަމަވެސް އެކަންކަން އަދާކުރަންވާނެއެވެ! މާފަށްވެސް އެދެން ޖެހޭނެއެވެ!

އެހެނީ ﷲ ތަޢާލާ ފުއްސަވައިދެއްވަވާނީ ކުރެވިފައިވާ ފާފަތަކެވެ. މީސްތަކުންގެ ޙައްޤުތައް ޖެހޭނީ އަދާކުރާށެވެ! ވީމާ މީހަކަށް އަދާކުރަން ޖެހޭ އެއްވެސް ޙައްޤެއް އޮތް ނަމަ އަވަހަށް އަދާކުރާށެވެ! އަދި މާފަށްވެސް އެދޭށެވެ! އެކަމަށް ލަދުވެތިނުވާށެވެ! ލަދުވެތިވެ ފަސް ޖެހިއްޖެ ނަމަ ޤިޔާމަތް ދުވަހު ކުރަން ޖެހޭނެ ހިތާމަ މާބޮޑުވެދާނެކަމަށްޓަކައެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން