ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ސްޓޭޓް މިނިސްޓަރު މިމްރާހު ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ސްޓޭޓް މިނިސްޓަރު މިމްރާހު ބައިވެރިވެވަޑައިގެންފި

ޗައިނާގެ ޗިންގްދާއޯގައި ބޭއްވި "2026 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމް" ގައި ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް) ގެ އިސް ވެރިންނާއެކު ސްޓޭޓް މިނިސްޓަރު މިމްރާހު މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު މިމްރާހު ވަނީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ މޫސުމީ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި، އައްސޭރިފަށުގެ ސިޓީތަކާއި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި އެންމެން ގުޅިގެން އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ފޯރަމަކީ، ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމަކަށް މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

މި ފޯރަމްގެ ތެރެއިން މޫސުމާ ބެހޭ ޤައުމީ އިދާރާގެ ޓީމުން ވަނީ މޫސުމީ ލަފާކުރުންތަކާއި، ކަނޑުގެ ދިރާސާތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން އެކި ޤައުމުތަކުގެ މަންދޫބުންނާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން