މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 އިން 18 އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައި.އޭ.އީ.އޭ.) ގެ ޖެނެރަލް ކޮންފަރެންސްގެ 70 ވަނަ ރެގިއުލަރ ސެޝަންގައި ދިވެހިރާއްޖޭގެ ވަފްދެއް ބައިވެރިވެއްޖެއެވެ. މިއީ 4 ޑިސެމްބަރު 2025 ގައި ރާއްޖެ އެ އެޖެންސީގެ ގުޅުނު ފަހުން، މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ބައިވެރިވި ފުރަތަމަ ޖެނެރަލް ކޮންފަރެންސެވެ. މި ކޮންފަރަންސްގައި ބައިވެރިވި ރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޖެނެރަލް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން، އެމްބެސެޑަރ ޑރ ސަލްމާ ވަނީ ކެންސަރު ބަލި ދެނެގަނެ، ފަރުވާގެ ފުރުސަތުތައް ފުޅާކުރުމާއި، ސާފު ހަކަތަ ކަށަވަރުކުރުމަށް ތިމާވެއްޓާ ރައްޓެހި ތިމާވެއްޓާ ރަހްމަތްތެރި ހަކަތައިގެ ފަންނިއްޔާތު ހޯދުމަށް ހުރި ފުރުސަތުތަކާއި، އަދި ގައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް އައި.އޭ.އީ.އޭ.އެކު މަސައްކަތް ކުރަން ދިވެހިރާއްޖެ އިން ބޭނުންވާކަން ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ވަފްދުން ވަނީ ކޮންފަރެންސްގެ ހަވާސާގައި ރޭސް އޮފް ހޯޕް އިނިޝިއެޓިވްގެ ދަށުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކެންސަރުގެ ފަރުވާ ހަރުދަނާކުރުމާއި، ރޭޑިއޯއެކްޓިވް ކުނި މެނޭޖުކުރުމުގައި ރެގިއުލޭޓަރުންނާއި ތަންފީޒުކުރާ ފަރާތްތަކުގެ ދައުރު ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި ހަރަކާތުގައި ބައިވެރިވެފައެވެ.
އެމްބެސެޑަރ ޑރ. ސަލްމާވަނީ އައި.އޭ.އީ.އޭ. ގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ، އައި.އޭ.އީ.އޭ. ގެ ރެގިއުލޭޓަރީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އާރް.އައި.ޑީ.ޕީ) ޓީމާ ބައްދަލުކުރައްވާފައެވެ.
އައި.އޭ.އީ.އޭ. ގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަކީ އެ އެޖެންސީއާ އެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތަކަށެވެ. އަދި މިއީ ސިއްހީ ދާއިރާ، ސާފު ހަކަތަ، ރައްކާތެރިކަން، އަދި ވިލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ބާރެއްވެސްމެއެވެ.
ހަބަރު: ސަރުކާރު