ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ފަރުވާދޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް: 64 މީހަކު ޢާއިލާއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ފަރުވާދޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް: 64 މީހަކު ޢާއިލާއާ ހަވާލުކޮށްފި

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 64 މީހަކު ފަރުވާއަށްފަހު އާއިލާއާ ހަވާލުކުރެވިފައިވާ ކަމަށް ސިއްޙަތާ ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. މި ބަދަލު ގެނެވިފައިވަނީ އެ މަރުކަޒަކީ ހަމައެކަނި އާއިލާތަކުން ދޫކޮށްލާ މީހުން ބަލަހައްޓާ ތަނެއްގެ ގޮތުގައި ދެކެމުން އައި ދެކުން ބަދަލުކޮށް، ފަރުވާ ދިނުމަށް ފަހު މުޖުތަމައުއަށް އަނބުރާ ގެނައުމުގެ ސިޔާސަތުގެ ދަށުންނެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒު ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ދަށަށް ބަދަލުކުރައްވާފައެވެ. މި ބަދަލާއެކު، އާއިލާތަކަށް ނުބެލެހެއްޓިގެންނާއި އަޅާނުލުމުގެ ސަބަބުން އަދި އެނޫންވެސް ސަބަބުތަކާ ހުރެ އެތަނުގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ފަރުވާއަށްފަހު އާއިލާތަކާ ހަވާލުކުރުމުގެ އޮނިގަނޑެއް ވަނީ އެކުލަވާލެވިފައެވެ.

ވަޒީރު ޤީލާ ޢަލީ ހާމަކުރެއްވި ގޮތުގައި، ނޮވެންބަރު 2023 އިން ފެށިގެން މިއަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހާ ހަމައަށް 64 މީހަކު ވަނީ އާއިލާތަކާ ހަވާލުކުރެވިފައެވެ. އަދި މިވަގުތުވެސް އެ މަރުކަޒުގައި 201 މީހަކު މަރުކަޒު ކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މުޖުތަމައުގައި ތިބެގެން ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހެލްޕްލައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ހެލްޕްލައިންގެ މަޤުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިވާ ހާލަތެއްގައި އެ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ އާއި އިމޯޝަނަލް ސަޕޯޓް އަދި ކްރައިސިސް އިންޓަވެންޝަންގެ އިތުރުން ހިދުމަތްތަކާއިގުޅޭ މައުލޫމާތު ދިނުމާއި ބޭނުންޖެހިއްޖެ ހާލަތެއްގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރެފަރަލް ހެދުން،" ކަމަށެވެ.

ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާއިރު، ޤާއިމުކުރެވިފައިވާ ހެލްޕްލައިން މެދުވެރިކޮށް މިހާތަނަށް 23,000 އަށްވުރެ ގިނަ ފޯން ކޯލަށް ވަނީ ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން