ބަންގްލަދޭޝަށް ފުރަންދިޔަ 6 ބިދޭސީއެއްގެ އަތުން 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބަންގްލަދޭޝަށް ފުރަންދިޔަ 6 ބިދޭސީއެއްގެ އަތުން 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

ބަންގްލަދޭޝަށް ފުރަންގޮސް ތިބި 6 ބިދޭސީއެއްގެ އަތުން 3.86 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މީހުން އަތުލައިގަނެފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މިގޮތުން މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެންބަރު 18 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައި މި މީހުން ވަނީ ހިފަހައްޓާފައެވެ.

މި އޮޕަރޭޝަނުގައި ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނެއެވެ. މީގެ އިތުރުން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނޭއިރު، މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 ރުފިޔާއަށް އަރާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހިފެހެއްޓި ފައިސާ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ބަންގްލަދޭޝްގެ މި 6 މީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން