ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، މުޅި ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ހާމަކުރައްވައިފިއެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީން ކަމަށްވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ލިޔެކިޔުންތަކުން 295,678 ބިދޭސީން ރާއްޖޭގައި ތިބިކަން ދެއްކި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ފިންގަރޕްރިންޓް ނެގި، ސީދާ އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ތިބީ އެންމެ 22,700 މީހުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި 1980 ގެ ފަހުކޮޅުން ފެށިގެން މި މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި، ގިނަ ފަރާތްތަކުން ބިދޭސީން އެތެރެކޮށްގެން ލިބޭ ފައިސާއަށް ދަހިވެތިވުމުގެ ސަބަބުން މިކަން އޮތީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށްވެފައެވެ.
ނަމަވެސް، މި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ އަވަސް އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 294,000 ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. އަދި ކާކުކަން ދެނެނުގަނެވި މިހާރު ތިބީ އެންމެ 1,102 މީހުންނެވެ. ބާކީ ހުރި ފަސް އިންސައްތައިގެ ތެރެއިން ހަތަރު އިންސައްތަ މީހުންނަކީ މިހާރު ރާއްޖޭގައި ތިބި ބައެއް ނޫންކަން ކަށަވަރުވެފައިވާތީ، ޙަޤީޤަތުގައި ފިންގަރޕްރިންޓާއި ފޮޓޯ ނުނެގި ރާއްޖޭގައި މިހާރު ތިބީ އެންމެ 1 އިންސައްތަ މީހުންނެވެ.
މިއާއެކު ދިވެހިރާއްޖެ ވެގެންގޮސްފައިވަނީ ބިދޭސީ އާބާދީގެ ތެރެއިން ބަޔޯމެޓްރިކަލީ އައިޑެންޓިފައި ނުކުރެވޭ މީހުންގެ އަދަދު 1 އިންސައްތައިގެ ތްރެޝްހޯލްޑްގައި ހިފެހެއްޓިފައިވާ ދުނިޔޭގެ އެންމެ 3 ޤައުމުގެ ތެރެއިން އެއް ޤައުމަށެވެ. ރާއްޖޭގެ އިތުރުން މި ފެންވަރުގައި މަޢުލޫމާތު ބެލެހެއްޓެނީ ސިންގަޕޫރު އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައެވެ.
ވަޒީރު އިޙްސާން ވަނީ މި ކުރު މުއްދަތުގެ ތެރޭގައި ސަރުކާރުން ކޮށްފައިވަނީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ދުނިޔޭގެ ފެންވަރުގެ ނަމޫނާ މަސައްކަތްތަކެއްކަން ކަށަވަރުކޮށްދެއްވާފައެވެ.