އަހުރެމެންނަށް އޮތީ އެއްވެސް މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ދެރައަކަށްވެދާނެ އެއްވެސް ކަމެއް ނުކުރުމެވެ. މީހުންނަށް ދެރައާ ގެއްލުންދޭ މީހުން އެކަން އެކުރަނީ އެކަމަށް ވިސްނައިނުލައެވެ. އެކަން އެނބުރި އައިސް ތިމާއަށް ޖެހިދާނެކަމަށް ވިސްނައި ނުލައެވެ.
އެކަމަކު ރަނގަޅަށް ބަލާށެވެ! މީހަކަށް ދެރައެއް ދީފައި އުފަލުގަ ހުރެވޭ މީހުން ވަރަށް މަދުވާނެއެވެ. ގިނަވާނީ މާދެރަ ގޮތް މެދުވެރިވެ މާބޮޑަށް ހިތާމަކުރަންޖެހޭ މީހުންނެވެ.
ތިމާ ފިޔަވައި އެހެން އެންމެންނަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވިނަމަވެސް ބައެއް މީހުން ދެކެނީ އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ތިމާއަށް އެކަމުން އެއްވެސް ގެއްލުމެއް ނުލިބޭނަމަ އެކަމާއިމެދު ވިސްނަން ވެސް ނުޖެހޭނެ ކަމަށެވެ.
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެއްވެސް މީހަކަށް ނުވަތަ ބައަކަށް އެއްވެސް ބާވަތެއްގެ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭނެއެވެ. އަދި އެކަމާއި ކަންބޮޑުވެ މުޞީބާތް ކުރިމަތިވި މީހާއަށް ހެޔޮ ދުޢާ ކުރަންވާނެއެވެ!
އެހެން މީހަކަށް ނުވަތަ ބައަކަށް އެއްވެސް ބާވަތެއްގެ މުޞިބާތެއް ކުރިމަތި ކުރައްވަވައިފިނަމަ އެއީ ތިމާއަށް ދެއްވެވި އިންޒާރެއް ކަމަށް ބަލައިގަންނާށެވެ! ހަމަ އެ މުޞީބާތް ނުވަތަ އެއަށްވުރެ ބޮޑު މުޞީބާތެއް މާދަމާ ތިމާއަށް ކުރިމަތިކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ!
އިސްވެދިއަ ޒަމާންތަކުގައި މީސްތަކުންނަށް ކުރިމަތި ކުރެއްވެވި މުޞީބާތްތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އޮތުން މިކަމުގެ ދަލީލަކަށް ފުދެއެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު އެވާހަކަތައް ދެމިއޮންނާނެ ގޮތަށް މެދުވެރިކުރައްވަވާފައި އެވަނީ މީސްތަކުން އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ. މީސްތަކުންގެ ޢަމަލުތައް އިޞްލާޙް ކުރުމަށް ދެއްވަވާ އިންޒާރަެއްގެ ގޮތުގައެވެ.
އެއްވެސް އިންސާނަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ވީމާ އަބަދުވެސް މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ގިނަގިނައިން ދުޢާކުރަންވީ ﷲ ތަޢާލާގެ ރަޙްމަތަށް އެދިއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން