ފައިސާ ދެއްވަވައިފިނަމަ ހޭދަކުރަން ފަސްނުޖެހި އަވަހަށް އާޚިރަތް ލިބިގަންނާށެވެ!: ޝައިޚް ޑރ ސާޖިދު އުމަރު

ކިޔުމަށް ހޭދަވާނީ 2މ 36ސ
ފައިސާ ދެއްވަވައިފިނަމަ ހޭދަކުރަން ފަސްނުޖެހި އަވަހަށް އާޚިރަތް ލިބިގަންނާށެވެ!: ޝައިޚް ޑރ ސާޖިދު އުމަރު

ޢާއިޝަތު ރަފާޙް ޢަލީ

 

ތިޔަބައިމީހުންގެ އަތުގައި ފައިސާ ހުރެގެން، އެ ފައިސާ ހަމައެކަނި ކައްވަޅަށް ދިޔުމުގެ ކުރިން (ދުނިޔެމަތީގައި) ފައިދާހުރި ގޮތުގައި ހޭދަނުކުރާނަމަ، ތިޔަބައިމީހުންގެ އާޚިރަތަށް ވާނީ ކިހިނެއް ހެއްޔެވެ؟  

ފަޤީރުވެ ނިކަމެތިވުމުގެ ކުރިން، ތިޔަބައިމީހުންގެ މާލީ ތަނަވަސްކަމާއި، މާއްދީ ފުދުންތެރިކަމާއި، މުދަލުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ފައިސާއަކީ މި ދުންޔަވީ ޙަޔާތުގެ ވަރަށް މުހިންމު ބައެކެވެ. ކަންކަން ހިނގުމުގެ މެދުވެރިއަކަށް ފައިސާ ވެގެންދަނީ އިލާހީ ރޭއްވެވުމުގެ ތެރެއިންނެވެ. 

ތަޖުރިބާކާރުން ބުނާ ފަދައިން، ފައިސާއަކީ އޮކްސިޖަން ފަދަ އެއްޗެކެވެ. އެއީ ކަންކަން ކުރިއަރައި، ތަރައްޤީވުމަށް އެހީތެރިވެދޭ އޮކްސިޖަނެވެ. ތިޔަބައިމީހުންނަށް އެ މުއްސަނދިކަން ލިބިއްޖެނަމަ، އެއިން ފައިދާހުރި އުފެއްދުންތެރި ކަންކަން ކުރާށެވެ. 

އެއާމެދު އެދުންވެރި، އަމިއްލަ އެދުން ބޮޑު މީހަކަށް ނުވާށެވެ. އެހެން މީހުންނަށް ހެޔޮފޯރުވާ މީހަކަށްވާށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ، ތިޔަބައިމީހުންގެ އަތުގައި ފައިސާ ހުރެގެން، އެ ފައިސާ ހަމައެކަނި ކައްވަޅަށް ދިޔުމުގެ ކުރިން ފައިދާހުރި ގޮތުގައި ހޭދަނުކުރާނަމަ، ތިޔަބައިމީހުންގެ އާޚިރަތަށް ވާނީ ކިހިނެއް ހެއްޔެވެ؟  

ދިރިއުޅުމުގެ ފަހުގެ މަރުޙަލާއެއްގައި ﷲ ތަޢާލާ ތިޔަބައިމީހުންގެ ޙާލަތު ބަދަލުކުރައްވަވައި، ކުރިން އޮތް މާލީ ތަނަވަސްކަމާއި މާއްދީ ފުދުންތެރިކަން ނެތިގޮސްފިނަމަ، އެ ފައިސާ އަތުގައި އޮތްނަމައޭ ހިތަށް އަރާނެއެވެ. ނަމަވެސް އެ ވަގުތު އެ ފުރުޞަތު އޮންނާނީ ބޭކާރުވެ، ތިޔަބައިމީހުންގެ އަތުން ގެއްލިފައެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 245 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. 

مَّن ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ ‎﴿٢٤٥﴾‏

މާނައީ: ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. رزق ދަތިކުރައްވަނީ، އަދި، ތަނަވަސްކުރައްވަނީވެސް اللَّه އެވެ. އަދި، ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ. (245)

 

- ޝައިޚް ޑރ ސާޖިދު އުމަރުގެ ދަރުސަކުން

މިއަދު އޮންލައިން