އެއް އަހަރުދުވަހުގެ މުއްދަތަކަށް ކައްޗަލަ އެކްސްޕޯޓްކުރުމުގެ ހުއްދަ ނުވަތަ ކޯޓާ 7 ފަރާތަކަށް ވުޒާރާއިން ދޫކޮށްފިއެވެ. މި ކޯޓާ ދޫކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިންނެވެ.
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ، "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) އިން ނޮވެންބަރު 2022 ގައި ބޭއްވި 19 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 19) ގައި ވަނީ ރާއްޖޭގައި ނަގާ ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ ކައްޗަލަ އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނައި، އެކަމަށް އަމަލުކުރުމަށް ތައްޔާރުވުމަށް 18 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި 25 މޭ 2024 އިން ފެށިގެން މި ބާވަތް ޖަދުވަލު 2 ގެ ދަށަށް ވަދެފައިވާއިރު، ވިޔަފާރި އުސޫލުން މިއިން އެއްޗެއް އެކްސްޕޯޓް ކުރެވޭނީ ސައިޓީސް ޕާމިޓެއް ލިބިގެންނެވެ. މި ޕާމިޓް ދޫކުރަނީ ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް) އަށް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިންނެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން އެކުލަވާލި އެންޑީއެފްގެ ދަށުން، 12 މަސްދުވަހުގެ މުއްދަތަށް ހިއްކާފައިވާ ކައްޗަލަ އެކްސްޕޯޓްކުރުމަށް ޖުމްލަ ކަނޑައަޅާފައިވަނީ 10.95 ޓަނުގެ ކޯޓާއެކެވެ. މީގެ ތެރެއިން ވުޒާރާއިން ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން 7 ފަރާތަކަށް ކޯޓާ ދޫކޮށްފައިވާއިރު، ކޮންމެ ފަރާތަކަށް ވެސް ދޫކޮށްފައިވަނީ 860 ކިލޯ އެކްސްޕޯޓް ކުރުމުގެ ކޯޓާއެވެ.