154 ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއަކީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
154 ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއަކީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ސީޕީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ 154 މަރުކަޒު ގާއިމުކުރުމުގެ ބޮޑު މަޝްރޫއަކީ އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރެއްވުމުގެ ގޮތުން ފައްޓަވާފައިވާ ޕްރޮގްރާމުގެ ތެރެއިން ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެ ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ޚާއްސަ ހުނަރުތަކެއް ބޭނުންވާ ތަފާތު ޕްރޮފެޝަނެއް ކަމަށެވެ. އަދި ވޭތުވެދިޔަ 30 ހަކަށް އަހަރު ދުވަހު ކައުންސިލް އިދާރާތަކާއި، އަތޮޅުގޭގެ އިތުރުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މަރުކަޒުތައް ހިންގަން ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަކީ މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ސަރުކާރުން އިސްނަންގަވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ފައްޓަވާފައިވާ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކޮމިޝަނަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި މަޝްރޫއުގެ ދަށުން ކާށިދޫގައިވެސް ލެވެލް 2 ގެ ދެބުރި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ކަނޑައެޅި، މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކޮންޓްރެކްޓަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން ކާށިދޫގަ އަޅަން ނިންމާފަވާ ޕޮލިސް ސްޓޭޝަން ނިމިގެންދާނެ ދުވަހަކަށް. އެއީ ހަގީގަތުގަ އަތޮޅުތެރޭގަ ފުލުހުންގެ މަސައްކަތްތައް އިތުރު ގިއަރަކަށް ގެންދެވޭނެ ވަރަށް ބޮޑު ހިތްވަރެއް،" ސީޕީ ވިދާޅުވިއެވެ.

ކާށިދޫ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޮދަރން ޕޮލިސް ކޮމާންޑަރާއި، އަތޮޅު ކޮމާންޑަރުގެ އިތުރުން އެ ސްޓޭޝަނުގެ ފުލުހުންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން