ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. ޑރ. މުޙައްމަދު ޢަލީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

މީގެއިތުރުން، މަރްޙޫމް ޑރ. މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި، ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށާއި އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ. މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.

މިއަދު އޮންލައިން