ހުރިހާ ކަމެއް ފުރިހަމަ ބައިވެރިއަކު ލިބެން އެދޭ މީހަކަށް ހުންނަންޖެހޭނީ އެކަނި! އެމީހަކު ދުނިޔެއަކު ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހުރިހާ ކަމެއް ފުރިހަމަ ބައިވެރިއަކު ލިބެން އެދޭ މީހަކަށް ހުންނަންޖެހޭނީ އެކަނި! އެމީހަކު ދުނިޔެއަކު ނެތް!

ގިނަ ބައަކު ކައިވެނިކުރަނީ ދެމީހުން އެކުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. އެއީ ލޯބިވެގެން އުޅޭ ދުވަސްތަކެވެ. އެއިރު އަނެކާގެ ހުންނަ ހުރިހާ ސިފަތަކަށްވެސް ރުހެވެއެވެ. ކައިވެނިކުރަނީ އެކަން ޤަބޫލުކޮށްގެންނެވެ.  

ނަމަވެސް ކައިވެނިކުރެވުމާއިއެކު އަނެކާގެ ކުށްތައް ފެންނަން ފަށައެވެ. އެއީ އެކަންވާނެވެސް ގޮތެވެ. ލޯބިވެގެން އުޅުނުއިރު އަނެކާގެ ކިބައިން ނުފެންނަ އެތައް ކަމެއް ކައިވެނިކުރުމުން ފެންނާނެއެވެ. އެއިގެ ތެރޭގައި ނޭދެވޭ ސިފަތައްވެސް ހިމެނެއެވެ.  

އެކަމަށް އޮތް ޙައްލަކީ އަވަހަށް ކައިވެނި ރޫޅައިލުމެއް ނޫނެވެ. ވިސްނައިދީގެން އެކަންކަން ބަދަލުކުރުވަން މަސައްކަތްކުރުމެވެ. ރުންކުރުނުވެ ރުޅި އިސްނުކޮށް އެކަމަށް މަސައްކަތްކުރާނަމަ ގިނަ މީހުން އިޞްލާޙްވާނެއެވެ.  

ދެން ބުނެލަން ބޭނުންވަނީ ހުރިހާ ކަމެއް ފުރިހަމަ ނުވަތަ އެންމެ ފުރިހަމަ ބައިވެރިއަކު ދުވަހަކުވެސް ނުލިބޭނެ ކަމެވެ. ސަބަބަކީ އެފަދަ މީހަކު ދުނިޔޭގައި ނެތްކަމެވެ. ދުނިޔޭގައި ނެތް މީހަކު ދުނިޔެއިން ފެންނާނީ ކިހިނަކުން ހެއްޔެވެ؟ ނަތީޖާއަކަށްވާނީ އެމީހަކަށް ޢުމުރު ހުސްވަންދެން އެކަނި ހުންނަން ޖެހުމެވެ.  

ދެން ބަލައިލަންވީ ޙައްލަށެވެ. ޙައްލަކީ ތިމާ އިޚްތިޔާރުކުރި ބައިވެރިޔާއާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ. އެކަން ކުރެވޭނީ ދެމީހުންވެސް އެކަމަށް ހިތްވަރުކޮށްގެންނެވެ. ނަޞީޙަތަކީ ކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާ ބައިވެރިއަކާ ވަކިނުވުމެވެ. އަދި އިޞްލާޙްކުރަން މަސައްކަތްނުކުރާނަމަ ފުރުޞަތު ދިނުމަށްފަހު އަވަހަށް ވަކިވުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

- މިއަދުޏޫސް

މިއަދު އޮންލައިން