ދުޢާކުރަންވީ ޢުމަރުގެފާނުގެ މިބަސްފުޅު އެނގި ޤަބޫލުކޮށްގެން!: ޑރ އުމަރު ސުލައިމާން

ކިޔުމަށް ހޭދަވާނީ 1މ 36ސ
ދުޢާކުރަންވީ ޢުމަރުގެފާނުގެ މިބަސްފުޅު އެނގި ޤަބޫލުކޮށްގެން!: ޑރ އުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

ޢުމަރުގެފާނު (ރ.އ.) ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދުޢާކުރައްވާއިރު، އެ ދުޢާ އިޖާބަކުރެއްވުމާމެދު ކަންބޮޑުވެވަޑައެއް ނުގަންނަވަމެވެ. އަދި އެކަމާ ފިކުރެއްވެސް ނުކުރައްވަމެވެ. އެއީ ﷲ ޢައްޒަވަޖައްލާ ތިމަންކަލޭގެފާނަށް ދުޢާކުރުމުގެ ތައުފީޤު ދެއްވައިފިނަމަ، އެކަލާނގެ އެ ދުޢާ އިޖާބަކުރައްވާނެކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާތީއެވެ. 

އަދި ހަމައެފަދައިން ޢުމަރުގެފާނު ވިދާޅުވިއެވެ. އުޑުން ރަނާއި ރިހީގެ ވާރޭ ނުވެހޭނެކަން އެނގިހުރެ، ތިޔައިގެ ތެރެއިން އެކަކުވެސް ނަމާދުކުރަން އިށީނދެގެން އިނދެ "އޭ އަޅުގެ ވެރިރަސްކަލާކޮ! ތިމަންފާނަށް ރިޒުޤު ދެއްވާނދޭވެ، އޭ އަޅުގެ ވެރިރަސްކަލާކޮ! ތިމަންފާނަށް ރިޒުޤު ދެއްވާނދޭވެ" ކިޔައި ދުޢާކޮށްގެން މަސައްކަތެއް ނުކޮށް ނުތިބޭށެވެ!

އުޑު ހުޅުވިގެން ރަނާއި ރިހީގެ ވާރޭ ވެހޭނެކަމަށް ހީކޮށް، ހަމައެކަނި ދުޢާކޮށްލަކޮށްލައި ނުއިންނާށެވެ. ނޫނެކެވެ، ތިބާއަށް ޖެހޭނީ މަސައްކަތްކޮށް ސަބަބުތަކުގައި ހިފާށެވެ. އަދި އެއަށްފަހު ދުޢާކުރުމުން، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ކާމިޔާބީ ލިބިގެންދާނެއެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

لو أنَّكم كنتُم توَكلونَ علَى اللهِ حقَّ توَكلِه لرزقتُم كما يرزقُ الطَّيرُ تغدو خماصًا وتروحُ بطانًا

މާނައީ: "ތިޔަބައިމީހުން ﷲއަށް ޙައްޤުވެގެންވާ ގޮތުގައި ވަކީލުކުރާނަމަ، ދޫނިސޫފާސޫފިއަށް ރިޒުޤު ދެއްވާފަދައިން ތިޔަބައިމީހުންނަށްވެސް ރިޒުޤު ދެއްވީހެވެ. އެސޫފާސޫފި ހެނދުނު ނުކުމެގެން ދަނީ ބަނޑުހައިކަންމަތީގައެވެ. އަދި ހަވީރު (އެނބުރި އަންނަނީ) ބަނޑުފުރިގެންވާ ހާލުގައެވެ."

 

- ޑރ. ޢުމަރު ސުލައިމާންގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން