ކައިވެނި ކާމިޔާބުވުމަށް ލޯތްބަކީ ޝަރުޠެއް ހެއްޔެވެ؟: ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރް

ކިޔުމަށް ހޭދަވާނީ 3މ 3ސ
ކައިވެނި ކާމިޔާބުވުމަށް ލޯތްބަކީ ޝަރުޠެއް ހެއްޔެވެ؟: ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރް

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:  

وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ‎﴿١٩﴾‏

މާނައީ: އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ. (19)

ލޯތްބާއި ނަފްރަތުގެ މައްސަލައަކީ ނިސްބީ ކަމެކެވެ. އިންސާނަކު ކަމަކަށް އިންތިހާއަށް ލޯބިވެދާނެއެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު އެކަމަކަށް މުޅިން ނަފްރަތު ކުރަން ފަށައިފާނެއެވެ. 

ރިވާވެގެންވެއެވެ: عَبْدُ اللهِ بْنُ أَبِي بَكْرٍ الصِّدِّيقُ ކައިވެންޏެއް ކުރެއްވިއެވެ. އޭނާގެ ފުރަތަމަ އަނބިކަނބަލުން އުންމުލް މުއުމިނީން ޢާއިޝާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ: "ކަމަނާގެ އަޚާ އެވަނީ އެހެން އަންހެނަކާ ކައިވެނި ކުރައްވާފައެވެ. އަދި އޭނާ ވަނީ އެކަމަނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ތިމަންކަމަނާއާ ވަކިވެ، ދޫކޮށްލައްވައިފިއެވެ." ފަހެ، ޢާއިޝާގެފާނު އޭނާގެ އަރިހަށް ވަޑައިގެން ނަޞޭޙަތްތެރިވެވަޑައިގަތެވެ. 

ނައްލާރު ރިވާކުރެއްވިއެވެ (އަދި މިވާހަކަ الزُّبَيْرُ بْنُ بَكَّارٍ އެކަލޭގެފާނުގެ ބައެއް ފޮތްތަކުގައި ރިވާކުރައްވާފައިވެއެވެ): އެއަށްފަހު މަދު އަހަރުތަކެއް ފާއިތުވެދިޔަތަނާ، އެ އަނބިކަނބަލުން ދެކެ އޭނާ ހުރި ލޯބި ނަފްރަތަށް ބަދަލުވިއެވެ. ދެން ދެވަނަ އަނބިކަނބަލުން ޢާއިޝާގެފާނުގެ އަރިހަށް ވަޑައިގެން ޝަކުވާ ކުރެއްވިއެވެ. އަދި ކަންކަން ރަނގަޅުކޮށްދެއްވުމަށް އެކަލޭގެފާނުގެ އަޚާއާ ވާހަކަދައްކަވައިދެއްވުމަށް އެދިވަޑައިގަތެވެ. މި ކަމުގެ ބޭނުމަކީ، ލޯތްބާއި ނަފްރަތަކީ ހަމައެކަނި ނިސްބީ ކަންކަން ކަމާއި، އެއީ ރޭގަނޑާއި ދުވާލުގެ ތެރޭގައި ﷲ ތަޢާލާ ބަދަލުކުރައްވާ ކަންކަންކަން ބަޔާންކުރުމެވެ. 

ލޯތްބާއި ނަފްރަތުގެ މައްސަލައަކީ ނިސްބީ ކަމެކެވެ. ފިރިހެނަކު އަންހެނެއްގެ މިޒާޖަށް ނުރުހުންވި ނަމަވެސް، އެހެން އަންހެނެއްގެ މިޒާޖު ދެކެ ލޯބިވެދާނެއެވެ. ނުވަތަ އޭނާގެ ސޫރައަށް ނުރުހުންވި ނަމަވެސް، އޭނާގެ އަޚްލާޤު ފެނި އެ އަޚްލާޤު ދެކެ ލޯބިވެދާނެއެވެ. 

އެހެންކަމުން، އަންހެނާގެ އަމިއްލަ ނަފްސާއި، އޭނާގެ އަޚްލާޤާއި، އޭނާގެ ހެޔޮ ސުލޫކާއި، ދަރިންނަށް ދޭ ހެޔޮ ތަރުބިއްޔަތާއި، އަދި މިނޫންވެސް ސަބަބުތަކަށްޓަކައި އޭނާ ދެކެ ލޯބިވާންޖެހެއެވެ. ބައެއް މީހުން ކައިވެނީގައި ލޯބި ނެތޭ ބުނެ ބަޙުސްކުރާއިރު، އަހަރެމެން ބުނާނީ މިކަން ތަފްޞީލުކުރަން ޖެހޭ ކަމަށެވެ. ކޮންމެ ގެއެއްގައި ލޯބި އޮތުމަކީ ޝަރުޠެއް ނޫނެވެ.

 

- ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރްގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން