ޤަވާއިދުން ފީ ދައްކާ ފަރާތްތަކަށް އަވަހަށް ޚިދުމަތް ދިނުމަށް "ވައިޓް ލިސްޓް" ނިޒާމެއް ތަޢާރަފްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޤަވާއިދުން ފީ ދައްކާ ފަރާތްތަކަށް އަވަހަށް ޚިދުމަތް ދިނުމަށް "ވައިޓް ލިސްޓް" ނިޒާމެއް ތަޢާރަފްކުރަނީ

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަމުގައި ޤަވާއިދާ އެއްގޮތަށް ހަރަކާތްތެރިވާ ފަރާތްތަކަށް ޚިދުމަތްތައް އަވަހަށް ލިބޭނެ ލުއި ނިޒާމެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި، އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް އަވަސްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން ގެންނަ ބަދަލެކެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމަތުދެއްވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރުގެ ނައިބު އަޙުމަދު އަސަދު ވިދާޅުވީ، އެ ވުޒާރާއަށް ދުވާލެއްގެ މައްޗަށް 1700 އާއި 2000 އާ ދެމެދުގެ އަދަދަކަށް އެޕްލިކޭޝަން ލިބެމުންދާ ކަމަށެވެ. އެހެންކަމުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން "ވައިޓް ލިސްޓެޑް އެމްޕްލޯޔާސް" ޕްރޮގްރާމެއް ފެށުމަށް ޓާގެޓް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ނިޒާމުގެ ދަށުން، އެއްވެސް ވަރަކަށް ބްލެކްލިސްޓް ނުވެ، ޤަވާއިދުން ވޯކް ޕާމިޓް ފީތަކާއި ކޯޓާ ފީތައް ދައްކަމުން އަންނަ ފަރާތްތަކުގެ އެޕްލިކޭޝަންތައް ސްޓްރީމްލައިން ކުރެވި، މުއާމަލާތްތައް މާ އަވަހަށް ޕްރޮސެސްވެގެން ދާނެއެވެ.

މީގެ އިތުރުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރުގެ ނައިބު އަޙްމަދު އިބްރާހީމް ދީދީ ވިދާޅުވީ، މިއީ ރޭޓިން ނިޒާމެއްގެ ތެރެއިން ކުރިއަށްދާނެ ކަމެއް ކަމަށެވެ. އެގޮތުން ޤަވާއިދާ އެއްގޮތަށް ކަންކަން ގެންގުޅެގެން ރޭޓިން މަތިވާ ވަރަކަށް، ވޯކް ޕާމިޓަށް އެދުމާއި ސައިޓް ރަޖިސްޓްރީ ކުރުން ފަދަ ޚިދުމަތްތައް އަވަސްވެ، ކުރިއަށް އޮތްތަނުގައި 24 ގަޑިއިރު ތެރޭގައި ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ޤަބޫލުކުރައްވާ ގޮތުގައި މި "ވައިޓް ލިސްޓް" ނިޒާމު ތަޢާރަފްވުމުން، ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން މަސައްކަތްކުރާ ވަޒީފާދޭ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ދިމާވާ ލަސްތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން