ނިއޯނޭޓަލް ކެއަރއަށް ހޭލުންތެރި ޚިދުމަތްތެރިން މުޅި ރާއްޖޭގައި ބިނާކުރުން މުހިންމު: ވަޒީރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ނިއޯނޭޓަލް ކެއަރއަށް ހޭލުންތެރި ޚިދުމަތްތެރިން މުޅި ރާއްޖޭގައި ބިނާކުރުން މުހިންމު: ވަޒީރު ޤީލާ

ދިވެހިރާއްޖޭގެ ޖޯގްރަފީ އުފެދިފައިވާ ގޮތުން ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ވިހާ އުފަންވާ ތުއްތު ކުދިންނަށް ދެވޭ ނިއޯނޭޓަލް ކެއަރ ނުވަތަ ތުއްތުކުދިންގެ ޚާއްޞަ ފަރުވާގެ ފެންވަރު މުޅި ރާއްޖޭގައި މަތިކޮށް، އެކަމަށް ހޭލުންތެރި ޤާބިލު ޚިދުމަތްތެރިން ބިނާކުރުމަކީ އިންތިހާއަށް މުހިންމު ކަމެއްކަމަށް ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ނިއޯކެއަރ ކޮންފަރެންސް" ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކޮންފަރެންސްއެއްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި ފަންނީ މާހިރުންގެ އިރުޝާދާއެކު، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް ނިއޯނޭޓަލް ކެއަރއަށް އަހުލުވެރި، ހުނަރުވެރި މަސައްކަތްތެރިންތަކެއް އުފެއްދުމަށް މިއީ ލިބިގެންދާ ވަރަށް ބޮޑު މަގުފަހިވުމެކެވެ.

އަތޮޅުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގައި ނިއޯނޭޓަލް ޚިދުމަތްތައް އެންމެ ފުރިހަމައަށް އިންތިޒާމުވެފައި ނެތް ނަމަވެސް، އެކަން ހައްލުކުރުމަށްޓަކައި ޓަރޝަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ގުޅިގެން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ބޭނުންވާ އެންމެހާ ފަންނީ އިރުޝާދު އަތޮޅުތަކުގެ ސިއްޙީ އެހީތެރިންނަށް ފޯރުކޮށްދެވޭނެ ކަމަށާއި، އަދި ނުރައްކާތެރި ނުވަތަ ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ އަވަސް އަދި ރައްކާތެރި ފިޔަވަޅުތައް އަޅާނެ ގޮތްތަކަށް ސިއްޙީ އެހީތެރިން އަހުލުވެރިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތުއްތުކުދިންގެ ފަރުވާއަކީ ނުހަނު ޒިންމާބޮޑު، އަދި އަބަދުވެސް އަންނަ ބަދަލުތަކާއެކު ކުރިއަރަންޖެހޭ ދާއިރާއެއްކަން ފާހަގަކުރައްވަމުން ވަޒީރު ޤީލާ ވިދާޅުވީ، ޚިދުމަތުގެ ފެންވަރު ދެމެހެއްޓޭނީ ދާއިމީ ގޮތެއްގައި ތަމްރީނުތައް ދީގެން ކަމަށެވެ. "އެއްފަހަރު ތަމްރީންކޮށްލާފައި ދޫކޮށްލަނިއްޔެއް ނޫން. މިއީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ކްލިނިކަލް މެންޓޯޝިޕް އަދި މިނޫންވެސް ޚިދުމަތްތައް ދޭނެގޮތްތައް ވަރަށް ރަނގަޅަށް އިނގިތިބި ބަޔަކަށްވާންޖެހޭ، ޒިންމާ ބޮޑު މަސައްކަތެއް،" ވަޒީރު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ނިއޯނޭޓަލް ފަރުވާގެ ނިޒާމަކީ ދުރަށް ވިސްނައިގެން، ބޮޑެތި ރޭވުންތަކާއެކު ތަރައްޤީކުރަންޖެހޭ ޚިދުމަތެއް ކަމަށެވެ. އަދި ބޭސްވެރިކަމަށް އަންނަ ބަދަލުތަކަށާއި، ފަރުވާ ދިނުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި އިންސާނީ ވަސީލަތްތަކެއް ބިނާކުރުމަކީ މި ދާއިރާ ކުރިއެރުވުމަށާއި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން