ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ އަތުލިޔުމުގެ ފުރަތަމަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ތާނަ އަދި ޢަރަބި ލިޔުމުގެ ރޮނގުން 1979 ވަނަ އަހަރު ޢާންމު ޚިދުމަތުގެ އިނާމު ލިބިވަޑައިގެންނެވި އަލްމަރުޙޫމް ޢަލީ ފަހުމީ (ތަބައް ޢަލިފުޅު)ގެ ހަނދާނަށް ނިސްބަތްކޮށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ރީތިކޮށް ތާނަ ލިޔާ މީހުންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، ތާނަ އަކުރު ލިޔުމުގައި އުފެއްދުންތެރި އީޖާދީ ގޮތްތައް ނެރުމެވެ. މީގެއިތުރުން ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމަކީ ވެސް މި މުބާރާތުގެ މަޤުޞަދެކެވެ.
އަތުލިޔުމުގެ ޤައުމީ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ. މުބާރާތުގައި މައިގަނޑު 3 ބައެއް ހިމެނެއެވެ. އެއީ ރީތިލިޔުން، އަވަސްލިޔުން އަދި އަތްތެރިލިޔުން މި ތިން ބައެވެ.
މުބާރާތުގައި އޮފީސްތަކުން ބައިވެރިވާނަމަ، ކޮންމެ އޮފީހަކުން ވެސް ކަނޑައެޅިފައިވާ މައިގަނޑު 3 ބައިގެ ތެރެއިން ކޮންމެ ބަޔަކަށް ގިނަވެގެން ބައިވެރިކުރެވޭނީ 5 މުވައްޒަފުންނެވެ. އަދި އަމިއްލަ ފަރާތްތަކުގެ ގިންތިން ބައިވެރިވެވޭނީ 2025 ޑިސެންބަރު 31 އަށް ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި އޮކްޓޯބަރު މަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ. މި މުބާރާތުގެ އެންމެހައި ޤަވާއިދުތައް ދިވެހިބަހުގެ އެކެޑަމީގެ ރަސްމީ ވެބްސައިޓުން ބެލެން ހުންނާނެ ކަމަށް އެ އެކެޑަމީން މަޢުލޫމާތު ދެއެވެ.