އެއީ މެދުމިނުގެ ތަނަވަސް މީހެކެވެ. ކައިވެންޏަށް 10 އަހަރުނުއިރު 5 ދަރިން ވަނީ ލިބިފައެވެ. އަނބިމީހާ ކަމުނުދާންފެށީނ އެހިސާބުންނެވެ. އެއީ ހަވީރު ގެއަށް އަންނައިރަށް ގޭތެރެ ތަރުތީބުނުކުރެވޭތީއާއި ފެންވަރައި ރީތިވެގެން ނުހުންނާތީއެވެ.
އަނބިމީހާ އެދުނީ ނޯކަރަކު ހޯދައިދީ ލުއިކޮށްދިނުމަށެވެ. ފިރިމީހާ ބުނީ އެއިރުން މަހަކު 7000 ރުފިޔާ ޚަރަދުކުރަންޖެހޭނެ ކަމަށާއި އެވަރުގެ ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށެވެ. ދުވަސްކޮޅެއް ފަހުން ދެވަނަ ކައިވެނިކުރަން ބޭނުންވުމުން އަނބިމީހާ ހުއްދަދިނެވެ. ކުރީ އެންމެ ޝަރުޠެކެވެ. އެއީ ދެއަނބިންގެ މެދުގައި ހަމަހަމަކުރުމެވެ.
ފުރަތަމަކޮޅު ހަމަހަމަކުރިއެވެ. ދެދުވަހުން އެއްދުވަސް ހޭދަކުރަނީ ގޭގައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ދޭތެރެދުރުކުރަމުން ގޮސް މަހަކު 3 ދުވަހަށް ބަދަލުކުރުމުން އަނބިމީހާ ވަރަށް ވިސްނާފައި ފިޔަވަޅެއް އެޅިއެވެ.
އޮފީސް ނިމިގެން ފިރިމީހާ ގެއަށް އަންނާނެކަމަށް ބުނި ދުވަހަކު މެންދުރު 5 ކުދިން ގެންގޮސް ހަގު އަނބިމީހާއާއި ޙަވާލުކޮށްފައި ބުނީ ކުދިން ބަލައި އަންނަންދެން ބަލައިދިނުމަށެވެ. އެހެން ބުނެފައި ޖަވާބަކަށް އިންތިޒާރުވެސް ނުކޮށް ގެއިން ނުކުމެގެންދިއައީއެވެ.
ފިރިމީހާ ގެއަށް އައިއިރު އަނބިމީހާ ހުރީ ގޭތެރެ ތަރުތީބުކޮށްފައެވެ. ހުރީވެސް ފެންވަރައި ނަލަހެދިގެންނެވެ. ދަރިން ކޮބައިތޯ ސުވާލުކުރުމުން ބުނީ ހަގުއަނބިގާށތުގައި ކަމަށެވެ. ދެމީހުން ހަަމޖެހިލައިގެން ތިބެ ކައިނިމުނުތަނާހެން ހަގު އަނބި ފޯނުކޮށްފައި ކަމަކު އޭނާގެ ގެއަށް ދާންޖެހިއްޖެކަމަށް ބުނުމުން އަވަސް އަވަހަށް ގެއަށްދިއައިރު އަނބިމީހާ ވަނީ ގެއިން ގޮސްފައެވެ.
ދޮށީ ދަރިފުޅު ބައްޕަގެ އަތަށް ކަރުދާސްކޮޅެއް ދިނުމުން ކިޔައިލިއެވެ. "އަހަރެން ކަލެއާއި ކައިވެނިކުރީ ދަރިންފަތި ބަލަންޖެހޭނެ ކަމަކަށް ނޫނެވެ. ގޯވައިފިއެވެ. އަބަދުވެސް ޖެހެނީ ކޮންމެވެސް ކުއްޖަކަށް ކޮންމެވެސް ކަމެއް ކޮށްދޭށެވެ. ނެޕީ ބަދަލުކޮށް ތާހިރުކުރުމަކީ ވަރަށް ފަކުރުގަންނަ ކަމެކެވެ. އެހެންވެ މިދަނީ ގެއަށެވެ. އެކުގައެވެ. އެނބުރި މިގެއަށް ނާންނަ ގޮތަށެވެ. މާދަމާ ވަރިވާން ފޯމުލާނަމެވެ."
ފިރިމީހާ ކުދިންކޮޅު ގޮވައިގެން އަނބިމިހާގެ ގާތަށް ދިއުމުން ބުންޏެވެ. "އަހުރެންނަށް ގޭތެރެ ތަރުތީބުނުކުރެވި ހަޑިކޮށްހުންނާތީ ޝަކުވާކުރަންފެށީމާ ނޯކަރަކު ހޯދައިދޭން އެދުނީމެވެ. ބުނީ މަހަކު 7000 ރުފިޔާ ޚަރަދުކުރެވެން ނެތްކަމަށެވެ. އެކަމަކު ދެމީހުން އުޅޭނެ ތަނެއް މަހަކު 12000 ރުފިޔާއަށް ކުއްޔަށް ހިފައި އެހެން ޚަރަދުތައް ކުރާކަށް ބޮޑެއް ނުވިއެވެ. އެކަމަކަށް ޝަކުވާއެއްވެސް ނުކުރަމެވެ. މިހެން މިހެދީވެސް މަހަކު އެންމެ 3 ދުވަހު އަހުރެމެންގެ ގާތަށް އަންނަން ފެށުމުންނެވެ. ވަޤުތު ލިބުނީމާ ގޭތެރެ ތަރުތީބުކުރެވޭކަމާއި ރީތިވެގެން ހުރެވޭނެކަން ދައްކައިލުމަށެވެ. އެކަމަކު ކުދިން ގެންދިއަތާ 5 ގަޑިއިރު ނުވަނީސް ބުރަވެގެން އެފިލީއެވެ. އަހުރެން ކޮންމެ ދުވަހަކު 24 ގަޑިއިރު މިކުރަނީ ހަމަ ދެމީހުންވެގެން ކުރަންޖެހޭ މަސައްކަތެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ދެންވެސް ނިކަން އެއްޗެއް ވިސްނެތޯ މަސައްކަތްކޮށްބަލާށެވެ!"
ފިރިމީހާ އޭނާގެ ކުށް ޤަބޫލުކުރިއެވެ. ނޯކަރު ހޯދައި އަނބިމީހާއަށް ލުއިކޮށްދިނެވެ. އެހިސާބުން ފިރިމީހާއަށް އެއްވެސް ޝަކުވާއެއް ކުރާކަށް ނުޖެހެއެވެ. ގެއަށްދާއިރު ގޭތެރެ ހުންނަނީ ތަރުތީބުކޮށްފައެވެ. އަނބިމީހާ ހުންނަނީ ފެންވަރައި ނަލަހެދިގެންނެވެ.
މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު ކަންތައްކުރި ގޮތެވެ. އަޅުގަނޑަށް ވިސްނެނީ އެކުވެރިޔާ އެދިން ފިލާވަޅަކީ އަހަރެމެން ހުރިހާ އަނބިންނަށްވެސް ދަސްކުރަންޖެހޭ ފިލާވަޅެއް ކަމަށެވެ.
- ޝިޒްލީން / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ