ބަދަލުދޭންޖެހޭނީ ކުރިއަނިޔާއަށް އެކަންޏެއް ނޫނެވެ! ތިބާގެ ސަބަބުން އަނެކާގެ ލޮލުން ވެއްޓޭ ކަރުނައިގެ ކޮންމެ ތިއްކަކަށްވެސް ބަދަލުނުދީ ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބަދަލުދޭންޖެހޭނީ ކުރިއަނިޔާއަށް އެކަންޏެއް ނޫނެވެ! ތިބާގެ ސަބަބުން އަނެކާގެ ލޮލުން ވެއްޓޭ ކަރުނައިގެ ކޮންމެ ތިއްކަކަށްވެސް ބަދަލުނުދީ ސަލާމަތެއް ނުވެވޭނެ!

އެއީވެސް ލޯބިން އެކުގައި އުޅުނު ދެމަފިރިއެކެވެ. ފިރިމީހާ ހިލޭ އަންހެނަކާއެކު ލޯބިކުރާތަން ފެނުމުން އަނބިމީހާއަށް ބާރަށް ރޮވެން ފެށުމުން ފިރިމީހާ ސުވާލުކުރިއެވެ. "އަހަރެން ކަލެއަށް އެއްވެސް އަނިޔާއެއް ނުކުރާއިރުވެސް، ދެރައެއް ނުދޭއިރުވެސް ރޮނީ ކީއްވެގެން ހެއްޔެވެ؟" 

އެސުވާލުން އެނގެނީ އަނިޔާކުރުމަކީ ކޮބައިކަމާއި އަނިޔާއަކީ ކޮބައިކަން އޮޅިފައިވާ ކަމެވެ. އަބަދުވެސް ބުނާފަދައިން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ އޭނާގެ ހިތަށް ކުރެވޭ އަނިޔާއެވެ. އެއީ އޭނާގެ ހިތުގައި ޖައްސުވައި ރޮއްވުން، ކަރުނައަޅަން ޖެއްސުވުން ފަދަ ކޮންމެ ކަމެކެވެ.

ހަށިގަނޑަށް ކުރާ ޖިސްމާނީ އަނިޔާގެ މަތިން ހަނދާން ނައްތައިލެވިދާނެއެވެ. އެހެނަސް ހިތަށް ކުރާ އަނިޔާގެ މަތިން ހަނދާން ނައްތައިލުމަކީ އެހާފަސޭހައިން ކުރެވޭ ކަމެއް ނޫންކަމަށް އެންމެންވެސް އެއްބަސްވެއެވެ.  

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.  

"އެއްވެސް މީހަކަށް ދެރައެއްދީ ހިތްދަތިކޮށް ކަރުނައަޅަން ނުޖައްސާށެވެ! ތިބާގެ ބައިވެރިޔާ އާއި ޢާއިލާގެ މީހަކަށް ކަމަށްވީ ނަމަވެސް މެއެވެ. އަނިޔާލިބުނު މީހާ އަޅާ ކޮންމެ ކަރުނަ ތިއްކެއް، އުހުދު ފަރުބަދަ ވަރުގެ ބޮޑު ހިތާމައެއްގެ ގޮތުގައި ތިބާ އާއި ބައްދަލުކޮށްފާނެކަމަށް ބިރުވެތިވާށެވެ! ކަރުނަ ފިރުވަން އެތެރެއަށް ދިރުވި ނަމަވެސް އެކަރުނަތައް މިނުއްވެވޭނެތެވެ!" 

މާނައަކީ އެއްވެސް މީހެއްގެ ހިތްދަތިކޮށް ރޮއްވުމަކީ އެކަމަށް ޤިޔާމަތް ދުވަހު ބަދަލުދޭންޖެހޭނެ ކަމެކެވެ. އެކަން އެގޮތަށް އޮއްވައި ދުނިޔޭގައި ގިނަ ފަހަރު އެކަން އެމީހަކާއި ބައްދަލުކުރެއެވެ. ކޮންމެވެސް ކަމެއް ކުރިމަތިވެ ދެރަވާންޖެހެއެވެ. ކަންބޮޑުވާންޖެހެއެވެ. އަދި މީހާ ދެރަވެ ނިކަމެތިވާންވެސް ޖެހެއެވެ.  

ވީމާ އަބަދުވެސް ވިސްނާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ. ދެރައެއް ނުދޭށެވެ. ހިތާމައެއް ކުރިމަތިނުކުރުވާށެވެ. ދެމަފިރިއަކަށް އެކުގައި ނުއުޅެވިގެން ވަކިވާންޖެހުނަސް އަނެކާގެ ހިތުގައި ޖެހޭނެ ގޮތަކަށް ކަންކަން ނުކުރާށެވެ! ދެރަވެ ނިކަމެތިވާންޖެހޭނެ ގޮތަކަށް ކަންކަން ނުކުރާށެވެ. މަޝްވަރާކޮށްގެން ކަންކަން ނިންމީމާ އެއޮތީ މިބުނި މަގުން ކަންކަން ކުރެވިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން