ތިމާ މިހުރީ އަނެކާދެކެ އިންތިހާއަށް ލޯބިވެގެންކަމަށް ބުނުމަކީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. އެހެން ބުނާ މީހުންގެ ތެރެއިން މަދު މީހަކަށް ނޫނީ ލޯތްބަކީ ނުވަތަ ލޯބިވުމަކީ ކޮބައިކަން ނުވެސް ވިސްނެއެވެ. ނުވަތަ ނުވެސް އެނގެއެވެ. ލޯބިވުމުގެ މައްސަލަތައް މިހާބޮޑުވެގެން މިއުޅޭ ސަބަބަކީވެސް އެއީއެވެ.
ލޯބި އެކިމީހުން މާނަކުރާނީ އެކި ގޮތަށެވެ. އެކަމަކަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. އަހުރެން މިބުނަނީ އަހުރެންގެ ބަހެވެ. އަހުރެންގެ ވިސްނުމުގައި ލޯތްބަކީ އިތުބާރާއި ޔަޤީންކަމެވެ. ދެން އުފެދޭނެ ސުވާލަކީ ކޮންކަންކަމަކަށް ހެއްޔެވެ؟
ޖަވާބަކީ ހުރިހާ ކަމަކަށެވެ. ދެރައެއް ނުދޭނެކަމަށެވެ. ވަފާތެރިވާނެކަމަށެވެ. އަޅާލައި އެހީތެރިވާނެ ކަމަށެވެ. ހިތުގައި ނުޖައްސުވާނެ ކަމަށެވެ. ބާކީކޮށްނުލާނެ ކަމަށެވެ. ތިމާއަށް ބޭނުންވާ ރައްކައުތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިކަންކަމަށް ޔަޤީންކަން އަނެކާގެ ކިބައިން ލިބޭނަމަ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ފާރަލާކަށްވެސް ނުޖެހޭނެއެވެ. ފޯނުޗެކްކުރާކަށްވެސް ނުޖެހޭނެއެވެ. އަބަދުވެސް ހިތްހަމަޖެހިލައިގެން ހުރެވޭނެއެވެ. އަދި ކިތަންމެ ގިނައިން ލޯބިވާކަމަށް ބުނި ނަމަވެސް މިކަންކަން ނުލިބޭނަމަ ލޯބިވާ ކަމުގެ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
މައްސަލައަކަށް ވެގެން މިއުޅެނީ ލޯބިވާކަމަށް ބުނި ނަމަވެސް މެސެޖްތައް ފޮނުވިނަމަވެސް ލޯބިވާ މީހަކުގެ ކިބައިން ލިބެންޖެހޭ މިބަޔާންކުރި ކަންކަން ނުލިބޭ ކަމެވެ. ލޯބިވުމަކީ ހަމައެކަނި ބުނާ ބުނުމަކަށް ހަދައިގެން ނުފުދޭނެއެވެ. ލޯބިވާނަމަ އެކަން އެމީހެއްގެ ޢަމަލުތަކުން ފެންނަން ޖެހޭނެއެވެ.
ކުރިން ބުނިފަދައިން މިއީ ލޯތްބާއި އަދި ލޯބިވުމާއިމެދު އަހުރެންދެކޭ ގޮތެވެ. އުންމީދަކީ އެންމެންނަށްވެސް ލޯބި އެއިގެ ފުރިހަމަ މާނައިގައި ލިބި އުފަލުގައި އުޅެވުމެވެ.
- މިއީ ލޯތްބާއި އަދި ލޯބިވުމާއިމެދު ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ.
- މިއަދުނޫސް