އަހުރެން ބުނީތީއެއް ނޫނެވެ. ތިބާގެ ވަށައިގެން ހިނގަމުންދާ ކަންކަމަށް ބަލާށެވެ! އެއްވެސް ޝަރުޠެއް ނެތި، އެއްވެސް ސަބަބެއް ނެތި ތިބާދެކެ ލޯބިވާނީ އެންމެ މީހެކެވެ. ދަރިން މައިންބަފައިންދެކެ ލޯބިވާނީ އެމީހުންގެ ކިބައިން ޚިދުމަތްތަކެއް ލިބުނީތީއެވެ. ޢާއިލާގެ މީހުންގެ ލޯބިވުންވެސް އޮތީ ހަމައެފަދަ ގޮތަކަށެވެ. އެކުވެރިން ލޯބިވާނީ އެމީހުންނަށް ބޭނުންތަކެއް ފުދޭތީއެވެ. ކައިވެނިކުރެވޭ މީހާވެސް ލޯބިވާނީ ހަމައެފަދަ ގޮތަކަށެވެ. އެންމެ ކުޑަމިނުން ސިފަރީތިވެގެންނެވެ.
ނަމަވެސް ތިބާގެ މަންމައަށް ބަލައިފިނަމަ މަންމަ ތިބާދެކެ ލޯބިވީ ބަނޑުގައި ލެއްވެވީންސުރެންނެވެ. ތިބާ ހުންނާނެ ސިފައެއްވެސް ނުއެނގޭނެއެވެ. ތިބާ އޭނާއަށް އަޅާލައި އެހީތެރިވާނީ ކަމެއް ނުވަތަ ހިތުގަ ޖައްސުވައި ރޮއްވާނީ ކަމެއްވެސް ނުއެނގޭނެއެވެ.
ވިހެއުމަށް އެހައިގަދަ ވޭންތައް އުފުލައިގެން ވިހަނީ 9 މަސްދުވަހު އިންތިހާއަށް ބޮޑެތި ތަކްލީފްތައް އުފުލުމަށްފަހުގައެވެ. އެހިސާބުން ދެން އުފުލަންޖެހޭ ތަކްލީފްތައް މާބޮޑުވެގެންދެއެވެ. ކުރަންޖެހޭ ޚަރަދުތައް ބޮޑުވެގެންދެއެވެ. ރޭގަނޑުގެ ނިދިން މަޙްރޫމްވާންޖެހެއެވެ. މިހެން ގޮސް މައަކު އުފުލާ ބުރަތައް ލިސްޓްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ހެޔޮލަފާ މައިންނަކީ ދަރިން އެމީހުންނަށް ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ދަރިންނަށް ހެޔޮ ގޮތް މިންވަރުކުރެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާ ބައެކެވެ. ތިބާ އިހާނެތިކޮށް ކަންކަންކުރާނަމަ މަންމަ ފިޔަވައި ތިބާއަށް ހެޔޮދުޢާކުރާނެ އެކަކުވެސް ނުހުރެއެވެ.
ލޮބުވެތި ދަރިންނޭވެ! މަންމަގެ އަގުވަޒަންކުރާށެވެ! މަންމަ ތިބާ ދެކެ ލޯބިވާ ލޯބި ތިބާދެކެވާނެ އެކަކުވެސް ނުހުންނާނެއެވެ. މައިންދެކެ ލޯބިވެ، އަޅާލައި ހެޔޮކޮށް ހިތަން މާތް ﷲ އަންގަވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ސުވަރުގެ އެދޭނަމަ މަންމަގެ ހިތުގައި ނުޖައްސުވާށެވެ. އެއީ ސުވަރުގެ ނުވައްދަވައިފާނެ ސަބަބަކަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން