މަރްޔަމް ސާޖިދާ
ކޮންމެ ގައުމެއްގެވެސް މުސްތަޤުބަލު ބިނާވެފައިވަނީ އެގައުމެއްގެ ޒުވާން ޖީލުގެ މައްޗަށެވެ. ޚާއްޞަކޮށް ބޮޑެތިވަމުން އަންނަ ކުދިންގެ އަޚްލާޤަކީ މުޅި މުޖުތަމައުގެ ދިރުމާއި ހަމަޖެހުމާ ގުޅިފައިވާ އެންމެ މުހިންމު އެއް އަސާސެވެ. ނަމަވެސް، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މިއަދުގެ ކުދިންގެ އަޚްލާޤީ މިންގަނޑުތަކާއި ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރަން ފަށާފައެވެ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާ ފިކުރު ކުރަން ޖެހިފައިވާ ކަމެކެވެ.
އަޅުގަނޑުމެންގެ ވަށައިގެން ނަޒަރު ހިންގާލާއިރު، ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުންތަކެވެ. އެންމެ ފުރަތަމަ ގޭތެރޭގެ މާޙައުލަށް ބަލާލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ދަރިން މިއަދު އުޅެމުން ދަނީ 'އޮންލައިން' ދިރިއުޅުމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވަރޗުއަލް ރިއަލިޓީ އާއި އޮންލައިން ދުނިޔޭގައި ޖެހި، އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި، މީހުނާއި މުއާމަލާތްކުރުމުގެ ހުނަރު ދަނީ ނެތެމުންނެވެ.
އަޅުގަނޑުމެންގެ ތެރޭގައިވާ ރީތި އަޚްލާޤީ ސިފަތަކަކީ 'ކަޓު' އާދަ ތަކަކަށްވެ ނިމިއްޖެއެވެ. ޓިކްޓޮކް، ރީލްސް އަދި ޝޯޓްސް ފަދަ ސިކުންތުކޮޅެއްގެ ވީޑިއޯތަކަށް މިއަދުގެ ކުދިން ވަނީ ދެވިހިފާފައެވެ. މީގެ ނޭދެވޭ އަސަރަކީ ކުދިންގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަން އިންތިހާއަށް ކުޑަވުމެވެ. ކަމަކަށް ކެތްކޮށްލަން ޖެހިއްޖެނަމަ، ނުވަތަ ހީކުރާ ގޮތަށް ކަންކަން ނުވެއްޖެނަމަ، މާބޮޑަށް ރުޅިއައިސް، އަޚްލާޤީ މިންގަނޑުން ބޭރުވެ، ހުތުރުބަހުން ވާހަކަދެއްކުންފަދަ ކަންތައްތަކަށް މަގުފަހިވެއެވެ.
ސްކޫލް މާހައުލަކީ ކުދިންގެ އަޚްލާޤާއި ތަރުބިއްޔަތު ބިނާކޮށްދޭ އެންމެ މުހިންމު ބިންގަލެވެ. ނަމަވެސް، މިއަދުގެ ޙާލަތަށް ނަޒަރު ހިންގާލާއިރު، ސްކޫލްތަކުގެ ތެރެއިން ފެންނަމުންދާ އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ކުދިން ކިޔެވުމަށް ފަރުވާކުޑަކުރުމާއި، އަޚްލާޤީ ގޮތުން ދަށަށްދިއުމުގެ މައްސަލައެވެ. ކުރިއާ ޚިލާފަށް، މިއަދުގެ ގިނަ ކުދިންގެ ފަރާތުން ފިލާވަޅުތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މަދަރުސާގެ ނިޒާމަށް ނުކިޔަމަންތެރިވުން ވަނީ އިތުރުވެފައެވެ. ރޭގަނޑު ދަންވަންދެން ފޯނާއި ކުޅެންތިބެ، ނިދިހަމަނުވެ ސްކޫލަށް ދަނީ ކިތައް ކުދިންތޯއެވެ! މީގެ ސަބަބުން ހެނދުނު ސްކޫލަށް ދާއިރު ހުންނަނީ ވަރުބަލިވެ، ކްލާސްތެރޭގައި ފިލާވަޅަށް ސަމާލުކަން ދިނުމުގެ ޤާބިލުކަން ކުޑަވެފައެވެ .ސޯޝަލް މީޑިއާގެ ކުރު ވީޑިއޯތައް ބެލުމަށް އާދަވެފައިވުމުން، ކްލާހެއްގެ 35 ނުވަތަ 45 މިނެޓުގެ ދިގު ފިލާވަޅަކަށް ބޯލަނބައިގެން، ކަނުލާ އަޑުއަހަން ތިބުމަކީ މިއަދުގެ ކުދިންނަށް ވަރަށް ބޮޑު އުނދަގުލަކަށް ވަނީ ވެފައެވެ.
ފަހުގެ ނިއުރޯސައިންސް ދިރާސާތަކުން ދައްކާގޮތުގައި ސީއައިއެސް އެޑިއުކޭޝަންގެ ރިޕޯޓްތަކުގައިވާ ގޮތުން، ސްމާޓްފޯނާއި ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ސިކުނޑިއަށް ވަރަށް ފަސޭހައިން އަދި އަވަހަށް އުފާވެރިކަން ގެނެސްދޭ ކެމިކަލެއް ކަމަށްވާ "ޑޮޕަމީން" (Easy Dopamine) ލިބެއެވެ. މީގެ ސަބަބުން، ގިނަވަގުތު ހޭދަކޮށްގެން، ފޮތެއް ކިޔުން ނުވަތަ ހިސާބު ހެދުން ފަދަ "މަޑުމަޑުން ޑޮޕަމީން އުފައްދާ" އުނގެނުމުގެ މަސައްކަތްތައް ސިކުނޑިއަށް ބުރަ އަދި ފޫހި ކަމަކަށް ބަދަލުވެއެވެ. ނަތީޖާއެއްގެ ގޮތުން ފޯކަސް ކުރަން އުނދަގޫވެ، ކިޔެވުމަށް ފަރުވާކުޑަކުރެވެއެވެ.
މިއަދުގެ ދުނިޔެ، އަޅުގަނޑުމެން ބޮޑެތިވަމުން އައިދުވަސްވަރާއި ހާސްބައި ތަފާތެވެ. މިއަދު އަޅުގަނޑުމެނަށް ޓެކްމޮލޮޖީގެ ވަސީލަތްތަކާއި ނުލާ ދިރިއުޅެވޭކަށް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ދަރިންނަށް މި ވަސީލަތްތައް ދިނުމުގައި އަޅުގަނޑުމެން މިހާރަށްވުރެ ބޮޑަށް ސަމާލުވެ ވިސްނާން މިއަދު މިވަނީ މަޖުބޫރުވެފައެވެ. އަޅުގަނޑުމެން މައިންބަފައިންނަށް ދަރިން ކުރާ ކަންތައްތައް ބެލި، އެނގެން ޖެހެއެވެ. ވަކި ޙުދޫދެއް ނެތް ގޮތަށް އެކުދިންގެ އަތަށް އިންޓަރނެޓްގެ ވަސީލަތްތައް ދީގެން ތިބުމަކީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއްނޫނެވެ. އަޅުގަނޑުމެންގެ ދަރިންނާއިއެކު ވަގުތު ހޭދަކުރުމަކީ އަޅުގަނޑުމެންގެ އާދައަކަށް ހަދަންޖެހެއެވެ. ފޯނު ނުވަތަ ޓެބްލެޓް އަކީ ކުއްޖާގެ 'ނެނީ' އަށް ހަދާ އަޅުގަނޑުމެން މައިންބަފައިން ފޯނަށް ގެއްލިފައި ތިބޭ ތިބުމުން ދުރުހެލިވާން ޖެހެއެވެ.
މިއަދުގެ ކުދިންނަކީ މާދަމާގެ ޤައުމުގެ ހުންގާނާ ހަވާލުވާނެ މީހުންނެވެ. އެކުދިންގެ އަޚްލާޤު ސީދާ މަގުގައި ހިފެހެއްޓޭނީ އަޅުގަނޑުމެން އެކުދިންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރަނގަޅު ތަރުބިއްޔަތު ދީގެންނެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.
- މިއަދުނޫސް