ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މި މަހުގެ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި، މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށް، އެ މީހުން ދުއްވި ސައިކަލާއި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ، އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެއެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖްއާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ރާއްޖޭގައި ވޭޕު ބޭނުން ކުރުމާއި، ވިއްކުމާއި، ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ، 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި، އެއާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރުފިޔާގެ މަގުން ޖޫރިމަނާ ކުރެއެވެ.
ހަބަރު: ސަރުކާރު