ފުލުހުންގެ ވާޖިބަށް ހުރަސް އެޅި 6 މީހަކަށް ދައުވާކުރަން ޕީޖީއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި 6 މީހަކަށް ދައުވާކުރަން ޕީޖީއަށް

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 6 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، 2026 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު، މާރާމާރީ ހިންގި ސީން އިން ހައްޔަރުކޮށްފައިވަނީ، ހެވަން / ކ. މާފުށި، މުޙައްމަދު ޝާބިން ޝުޖާޢު (18އ)އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އޭނާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ އެ އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ސްޓާރލައިން / ކ. މާފުށި، އަބްދުﷲ ނިހާދު (30އ) އާއި ގްރީންޕާރކް / ކ. މާފުށި، އިބްރާހީމް ސުނީޒް (41އ) އާއި ވާރޭވިލާ / ކ. މާފުށި، އަޙްމަދު އަހުނަފް އަސްފާޤު (24އ) އާއި ފާއިޒާމަންޒިލް / ކ. މާފުށި، ޙަސަން ނަބީލު (32އ) އަދި ގްރީންޕާރކް / ކ. މާފުށި، މުޙައްމަދު ޝައިޙާން (21އ) އެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ.

އެ މީހުންގެ ތެރެއިން އަބްދުﷲ ނިހާދު (30އ) ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 14 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އިބްރާހީމް ސުނީޒް (41އ) ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަޙްމަދު އަހުނަފް އަސްފާޤު (24އ) ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 19 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މުޙައްމަދު ޝައިޙާން (21އ) ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ޙަސަން ނަބީލު (32އ) ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 29 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހުކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން