މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ނައްތާލުމުގެ މަސައްކަތްކުރި ސައިކަލެއްގެ މަންޒަރު ކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ. ފުލުހުން މިކަން ސާފުކޮށްދީފައި މިވަނީ ޓްރަކަކުން ސައިކަލެއް ވައްޓާލާތަން ފެންނަ ވީޑިއޯއެއް އާންމުވެ، އެ މުއައްސަސާއަށް ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ފުލުހުންގެ އިދާރާއިން ފާހަގަކުރި ގޮތުގައި، އެ ވީޑިއޯގައި ފެންނަނީ ޓޯކުރުމަށްފަހު ވެރިފަރާތުން ގެންދަން ކަނޑައެޅި މުއްދަތުގައި ހަވާލުނުވުމާ ގުޅިގެން، ގާނޫނީ އަދި އިދާރީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް ނައްތާލުމުގެ ހުއްދަ ރަސްމީކޮށް ދީފައިވާ ސައިކަލެކެވެ.
މީގެއިތުރުން، އެ ވީޑިއޯއިން ފެންނަނީ މިގޮތަށް ނައްތާލާ އުޅަނދުތައް ކުނީގެ ގޮތުގައި ތިލަފުއްޓަށް ގެންދިއުމަށްޓަކައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓޯޔާޑަށް ގެންގޮސް އެއްކުރަމުންދިޔަ ވަގުތުގެ މަންޒަރުތަކެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އުޅަނދުތައް ނައްތާލުމާ ގުޅޭގޮތުން ގަވާއިދު ބަޔާންކުރާ ގޮތުގައި، ޓޯކުރެވޭ އުޅަނދުތަކާ މުއްދަތުގެ ތެރޭގައި ހަވާލުނުވެއްޖެނަމަ 60 ދުވަހުގެ މުހުލަތަކާއެކު އިއުލާންކުރެވެއެވެ. އަދި އެ މުއްދަތުގައިވެސް ވެރިފަރާތް ހާޒިރުނުވެއްޖެނަމަ، އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރަން ފޮނުވުމުން 7 ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަން ކުރަންޖެހޭނެއެވެ.
މިފަދައިން އިއުލާނުކުރުމުންވެސް ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ނީލަން ކިޔުމުގެ ނުވަތަ އެއްކޮށް ނައްތާލުމުގެ ފުރިހަމަ އިހުތިޔާރު ގަވާއިދުގެ ދަށުން ފުލުހުންނަށް ލިބިދީފައިވެއެވެ.